26 Apr 2018, 19:13
އެލެކްސް އޮކްސްލޭޑް ޗެމްބަލޭންގެ ކަކުލަށް ލިބުނު އަނިޔާއާއެކު އޭނާއަށް ވޯލްޑް ކަޕް ގެއްލޭނެކަން ޔަގީން ވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ރޯމާއާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗުގައި އިނގިރޭސިވިލާތުގެ ޗަމްބަލޭންއަށް ލިބުނު އަނިޔާއާ ގުޅިގެން މެޗުގެ ކުރީ ކޮޅުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.
ލިވަޕޫލުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ އިއްޔެ ހެދި ސްކޭން ރިޕޯޓްތައް ދައްކާ ގޮތުން ޗެމްބަލޭންގެ ކަކުލުގެ ލިގަމެންޓަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެނބުރި ކުޅުމަށް އަންނާނެ ދުވަހެއް ޔަގީންކޮށް ބުނަން ނޭނގޭ ކަމަށެވެ.
އެހެން ނަމަވެސް ލިވަޕޫލްގެ ސްޓޭޓްމަންޓުގައި ބުނެފައި ވަނީ ޗެމްބަލޭންއަށް ޔަގީންކޮށް ސީޒަންގެ ބަކީ ބައި ގެއްލޭނެ ކަމަށާއި، ޖޫން މަހު ރަޝިޔާގައި އޮންނަ ވޯލްޑް ކަޕް ވެސް އޭނާއަށް ގެއްލޭނެ ކަމަށެވެ.
އަނިޔާއާ ގުޅިގެން ޗެމްބަލޭން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސީޒަންގެ މުހިއްމު ހިސާބެއްގައި ލިބުނު އަނިޔާގެ ސަބަބުން ވަރަށް ބޮޑަށް މާޔޫސްވާ ކަމަށެވެ. ހާއްސަކޮށް ސީޒަންގެ ބާކީބައި ނުކުޅެވުމާއި ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުމުންވެސް ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށްވެސް ޗަމްބަލޭންގެ ޕޯސްޓްގައި ބުނެފައިވެއެވެ.
މި ސީޒަންގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ޗަމްބަލޭން ލިވަޕޫލްއަށް ބަދަލުވީ އާސެނަލްގައި ސީޒަންގެ ފުރަތަމަ ބައި ހޭދަކުރުމަށް ފަހުގައެވެ. ޗަމްބަލޭންއަށް އަނިޔާއާ ކުރިމަތިލާން ޖެހިފައިމި ވަނީ ލިވަޕޫލްގައި މޮޅަށް ކުޅުމުން ދަނިކޮށެވެ.