26 Apr 2018, 15:11
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް މާލޭ ސިޓީގެ ކައުންސިލަރު މުހައްމަދު ފިޝާވިން ސަލީމް އައްޔަންކޮށްފިއެވެ.
ސްޕޯޓްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް ފިޝާވިން އައްޔަންކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ކޯޕަރޭޝަނުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
އެ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރި ފިޝާވިންއަކީ މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރެވެ. މިދިޔަ އަހަރުގެ ކައުންސިލް އިންތިހާބުގައި ފިޝާވިން ވާދަކުރީ ޑީއާރްޕީގެ ޓިކެޓުގައެވެ.
ފިޝާވިންއާއެކު ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑުގައި ފަސް މެމްބަރުން ހިމެނެއެވެ. ފިޝާވިންގެ އިތުރުން ދެން ބޯޑުގައި ހިމެނެނީ ޗެއާމަން އިހުސާން އަބްދުލްޣަނީއާއި، މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާގު އިބްރާހީމާއި، މެމްބަރު ޒީޝާން އަބްދުލްރަހީމް އަދި މެމްބަރު ހުސައިން ޝާމް އާދަމެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނުގައިވާ ގޮތުގެ މަތީން އުފެއްދި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަކީ ސަރުކާރުން 100 ޕަސަންޓް ހިއްސާވާ ކުންފުންޏެކެވެ.
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ އޮނިގަނޑު ކުރިއެރުވުމާއި، ކުޅިވަރުގެ ދާއިރާއަށް ނުކުންނަން އެދޭ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދީ، ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލްކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރުވައި ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުމެވެ.