ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ އޮސްޓްރޭލިޔާގެ ހަ އެތުލީޓުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ "ފޯސީޒަން ރިޒޯޓްސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ" ސިންގަލް ފިން ޑިވިޝަނުގެ ޗެމްޕިއަންކަން ދުނިޔޭގެ ކުރީގެ ޗެމްޕިއަން އޮސްޓްރޭލިޔާގެ މާކް އޮޗިލޮޕޯ )އޮކީ( ހޯދައިފި އެވެ.

އޮކީ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެ ގައުމުގެ އަދި ދުނިޔޭގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ ލޭން ބީޗްލީ 15.6-11.67 ޕޮއިންޓުން ބަލިކުރުމަށްފަހު އެވެ. ޗެމްޕިއަންކަން ހޯދުމަށްފަހު އޮކީ ބުނީ މިއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި ކާމިޔާބު ލިބުނީ އޭނާގެ ނަސީބު ވެސް ރަގަޅު ވުމުންކަމަށެވެ.

" ޗެމްޕިއަންކަން ހޯދުމަށް އަހަންނަށް ވަރަށް ބޮޑަށް ޕްރެޝާ ކުރިމަތިވި،" އޮކީ ،46 ބުންޏެވެ. އޮކީ އަތުން ބަލިވެ މުބާރާތުގެ ދެ ވަނަ ލިބުނަމަވެސް ބީޗްލީ ބުނީ ބަލިވީ އޭނާގެ އައިޑޮލް އަތުންކަމަށް ވުމުން މާބޮޑަށް ދެރަ ނުވާ ކަމަށެވެ. މި މުބާރާތުގައި މިއަދު ކުރިއަށްދާނީ ޓްވިން ފިން ޑިވިޝަނުގެ ރާޅާ އެޅުމެވެ. މުބާރާތް ކުރިއަށްދަނީ ކުޑަހުރާގެ މަޝްހޫރު ސުލްތާން ޕޮއިންޓުގަ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދާ އެތުލީޓަކަށް 25،000 ޑޮލަރު ލިބެ އެވެ.