26 Apr 2018, 13:28
ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ކުރީގެ ފުލުހުން ގޭ ބަންދަށް ބަދަލުކުރުމަށް އިއްޔެ ނޫން އިހައްދުވަހު ކްރިމިނަލް ކޯޓުން އަމަރުކޮށްފައި ވަނިކޮށް އޭގެ ތެރެއިން ދެ ފުލުހަކު އަނބުރާ ޖަލު ބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުންގެ ބަންދަށް ބަދަލުކޮށްފައި ވަނީ ސުވޮޓްގެ ކުރީގެ ކޮމާންޑަރު ސައިފް ހުސެއިނާއި ކުރީގެ ސްޓޭޝަން އިންސްޕެކްޓަރު ފާއިޒް މުހައްމަދު އެވެ. ކުރީގެ ދެ އޮފިސަރުން ފުލުހުންގެ ބަންދަށް ބަދަލުކޮށް ދިނުމަށް އެދިފައި ވަނީ ފުލުހުންނަށް ލިބިފައިވާ އިންޓެލް ރިޕޯޓަކާ ގުޅިގެންނެވެ.
މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ދައުލަތުގެ ފަރާތުން ވަނީ އިންޓެލް ދެ ރިޕޯޓެއް ހުށަހަޅައި ސައިފް އާއި ފާއިޒް ފުލުހުންގެ ބަންދަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. އަދި ދައުލަތުން އެދުނު ގޮތަށް ގާޒީ ވަނީ ކުރީގެ ދެ އޮފިސަރުން ފުލުހުންގެ ބަންދަށް ބަދަލުކުރުމަށް އަމުރުކޮށްފަ އެވެ.
އިއްޔެ ނޫން އިހައްދުވަހު މުއްދަތުގެ އަޑުއެހުމުގައި ގޭބަންދަށް ބަދަލުކޮށްފައި ވަނީ ސައިފް އާއި ފާއިޒްގެ އިތުރުން ކުރީގެ ތިން ސާޖެންޓުން ކަމަށްވާ އަހުމަދު އާސިމާއި އަލީ ރިޝްވާނާއި އަބްދުﷲ ރިޔާޒާއި ކޯޕްރަލުންގެ މަގާމުގައި ހުރި އަލީ ނަސީރާއި ހަސަން ނަސީރާއި މުހައްމަދު ޝާމިން އެވެ.
ކުރީގެ ފުލުހުން ގޭބަންދަށް ބަދަލުކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަށެވެ. އަދި 30 ދުވަސް ހަމަވުމުން މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރަން ޖެހެ އެވެ.
ވެރިކަން ވައްޓާލަން އުޅުމުގެ އިތުރުން އިތުރު ބަޔަކާއި ބައިވެރިވެގެން، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރަން މަސައްކަތްކޮށް، ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުމެ ޣައިރު ޤާނޫނީ އެއްވުންތަކެއްގެ ތެރެއިން، އަމަން ބަލަހައްޓަން ތިބި ފުލުހުންނާ މެދު މާރާމާރީ ހިންގައި ސަލާމަތީ ބާރުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ވެސް އެ ފުލުހުންގެ މައްޗަށް ކުރެ އެވެ.