ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިންގް ޑިރެކްޓަރުކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ހަމަޖައްސައިފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)އަށް ތިން ޑިރެކްޓަރަކު އައްޔަނުކޮށްފައިވާ ކަމަށެވެ.

އެ ބޭފުޅުންނަކީ މެނޭޖިންގް ޑިރެކްޓަރުކަމަށް މުހައްމަދު ލަތީފްގެ އިތުރުން ޑިރެކްޓަރުންގެ ގޮތުގައި މ. ފާއިޒާ، އާއިޝަތު ޒާރާއާއި މއ. ދީބު، ފާތިމަތު މިޒްމާއެވެ.

އޭއައިއޭގެ މެނޭޖިންގް ޑިރެކްޓަރުކަމަށް އައްޔަނުކުރި ލަތީފްއަކީ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސެސްގެ ބޯޑު ޑިރެކްޓަރެކެވެ. އަދި އޭނާއަކީ އެމްއާރުޑީސީގެ ޗެއާމަންގެ މަގާމުވެސް މީގެ ކުރިން އަދާކުރެއްވި ބޭފުޅެކެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގެވުމާ މީގެ ކުރިން ހަވާލުވެ ހުންނެވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރެއްވި އިބްތިޝާމާ އަހްމަދު ސައީދެވެ. އެހެން ނަމަވެސް އިބްތިޝާމާ ދިރިއުޅުން ސްވީޑެންއަށް ބަދަލުކުރެއްވުމާ ގުޅިގެން ވަނީ އެ މަގާމުން ވަކިވެވަޑައިގެންފައެވެ.

ޖެނެރަލް މެނޭޖަރުކަމުގައި އިބްތިޝާމާ ހުންނެވި އިރު ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ވަނީ 3،400 މީޓަރަށް ދިގުކޮށް، 60 މީޓަރަށް ފުޅާކޮށްފައެވެ. އެގޮތުން ބޮއިންގް 747 އާއި ބޮއިންގް 777ގެ ބޯޓުތަކާއި، އެއާބަސް އޭ330 އަދި އޭ340 ފަދަ ވައިޑް ބޮޑީ އެއާކްރާފްޓުތަކަށް މިހާރު ގަން އެއާޕޯޓަށް ޖެއްސޭނެއެވެ. މީގެ އިތުރުން 2016 ވަނަ އަހަރު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލްޑް އިންޓަނޭޝަނަލް ފްލައިޓުތައްވެސް ވަނީ ފަށާފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު އޮޕަރޭޓުކުރާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހި ސަރުކާރުގެ 50 ޕަސަންޓު ހިއްސާ، އެމްއޭސީއެލްގެ 10 ޕަސަންޓު ހިއްސާ، އެސްޓީއޯގެ 10 ޕަސަންޓު ހިއްސާ، އަދި ވިޔަފާރިވެރިޔާ ހުސައިން އަފީފު (ޗަމްޕާ)ގެ ކާސާ ހޯލްޑިންގްސްގެ 30 ޕަސަންޓު ހިއްސާ އޮންނަ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ.