26 Apr 2018, 12:38
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގައި އެފްސީ ދާއެޅުމާއި ބަލިވީ ކެޓީ ކުޅުނު މެޗުތައް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި ރޭ ޓީމް ފިނޭ އަތުން އެފްސީ ދާއެޅުން މޮޅުވީ 11-0ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
އެ މެޗުގައި ދާއެޅުމުން ޖެހި 11 ލަނޑުގެ ތެރެއިން ފަސް ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ ހާފިޒް ކާމިޔާބުކޮށްދިން އިރު، މުހައްމަދު ލިޔާހު އަދި މުހައްމަދު އަޔާޒް، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. މުހައްމަދު ނާޝިދާއި އިބްރާހިމް ޝަނޫން ވެސް ދާއެޅުމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ.
ރޭ ކުޅުނު މެޗުގައި ލުސިޓޭނިއާ އެފްސީ އަތުން ބަލިވީ ކެޓީ މޮޅުވީ 10-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބަލިވީ ކެޓީގެ ދިހަ ލަނޑުގެ ތެރެއިން ޝާރިގް އިބްރާހިމް ރަޝީދާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަބްދުﷲ އިސްމާއިލް، އެއިން ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ މުނާޒާއި އަބްދުﷲ ރީހާނާއި އާލިމް އަބްދުލް އަޒީޒް އަދި އަލީ މުއައްވާޒެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ވިންޑްލޭންޑުން ވަނީ 4-2ގެ ނަތީޖާއަކުން ޓީމް އިންވިކްޓޯ ބަލިކޮށްފައެވެ. ތިނަދޫ ފުޓްސަލް ޓީމް އަތުން 2-0ގެ ނަތީޖާއަކުން ނިއު ލައިފް މޮޅުވި އިރު، ވަޅޯ މަސް އަތުން ސްޕޯޓިން އެކްސިއޯން މޮޅުވީ 5-3ގެ ނަތީޖާއަކުންނެވެ. ބެންޗް އެސްސީއާއި މެޓާކާ ބައްދަލުކުރަން ހަމަޖެހުނު މެޗަށް ބެންޗް އެސްސީން ގަޑިއަށް ހާޒިރުނުވުމާ ގުޅިގެން، އެ މެޗު ލިބުނީ މެޓާކާއަށެވެ.
ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަންހެން ޑިވިޝަންގެ މެޗެއް ރޭ ކުޅެފައެއް ނުވެއެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދޭނެއެވެ.
ޔޫތު ސިޓީ ފުޓްސަލް ކަޕްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް:
ފިރިހެން ޑިވިޝަން
20:00 އެލްއެފް – ޑާކް ޕާކް (ގްރައުންޑް 1)
21:00 ލިނިއޭޖް ސްޕޯޓްސް ކްލަބު – މަޒީނޯ އެފްސީ (ގްރައުންޑް 1)
21:00 ޓީމް ޔަންގް ޖެނެރޭޝަން – ސިކްސް ސިގްމާ (ގްރައުންޑް 2)
22:00 ރޮކް ސްޓްރީޓްސް ކްލަބު – ކޮޕިއަންސް އެފްސީ (ގްރައުންޑް 1)
22:00 ނެމެސިސް – ފަރުމަތި (ގްރައުންޑް 2)
އަންހެން ޑިވިޝަން
20:00 ގާޒީ ސްކޫލް – އުރީދޫ ޓީމް (ގްރައުންޑް 2)