މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރު ގިނަ ފަހަރެއްގެ މަތިން އަނިޔާއާއި ކުރިމަތިވި އޮވެން ހާގްރީވްސް ހިލޭ ޓްރާންސްފާ އެއްގައި އެއްއަހަރު ދުވަހުގެ މުއްދަތަށް މެންޗެސްޓާ ސިޓީއާއި ގުޅިއްޖެ އެވެ.

"މިދިޔަ ސީޒަނަށް ފަހު މެންޔޫ ދޫކޮށްލާފައިވާ އޮވެން ހާގްރީވްސް ހިލޭ ކުޅުންތެރިއެއްގެ ގޮތުގައި މެންސިޓީއާ ވަނީ ގުޅިފައި. ހާގްރީވްސް ވަނީ އެއްއަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮފަ. މިއަދުން ފެށިގެން އޭނާ މެންސިޓީއާ އެއްކޮށް ފަރިތަކުރާނެ." މެންސިޓީ ރަސްމީ ވެބްސައިޓުގައިވާ ބަޔާނުގައި ވެއެވެ.

މެންސިޓީގެ އިނގިރޭސި ޑިފެންޑަރު ލެސްކޮޓް ވަނީ ހާގްރީވްސް އަށް މަރުހަބާ ކިޔާ ކްލަބާއި ގުޅުމުން އުފާކުރާކަމަށް ބުނެފަ އެވެ. ލެސްކޮޓް ދެކޭގޮތުގައި ހާގްރީވްސްއަކީ ތަޖުރިބާއިން ފުރިގެންވާ ކުޅުންތެރި އެކެވެ.

"އަހަރެން އިނގިރޭސި ގައުމީ ޓިމުގައި ވެސް ހާގްރީވްސްއާއެކު މަސައްކަތްކުރިން. އޭނާއަކީ ޗެމްޕިއަންސް ލީގުގެ ތަޖުރިބާ ވެސް ހުރި ކުޅުންތެރިއެއް. ހާގްރީވްސް ސޮއިކުރުމުން ފައިދާކުރާނީ ހަމަ ކްލަބުގެ ސްކޮޑަށް. އަހަރެމެންނަށް އޭނާ ފިޓް ކުރެވޭނެ،" ލެސްކޮޓް ބުންޏެވެ.
ބެޔާން މިއުނިކުގައި މޮޅަށް ކުޅުނު އިނގިރޭސި މިޑްފީލްޑަރު އޯވެން ހާގްރީވްސް އަކީ އެ ކުލަބަށް ކުޅުނު ދުވަސްވަރު ވިދާލި ކުޅުންތެރިއެކެވެ. ނަމަވެސް މެންޔޫއަށް ބަދަލުވުމަށް ފަހު ކުރިމަތިވަމުން ދިޔަ އަނިޔާތަކާއި ގުޅިގެން އޭނާގެ ކުޅުން ދެއްކޭ ގޮތެއް ނުވި އެވެ.

ސާޖިއޯ އަގުއެރޯއާއި ގާއެލް ކްލިޗީއާއި ސްޓެފަން ސަވިޗްއާއި ސާމިރު ނަސްރީ މިސީޒަނަށް މެންސިޓީއާއި ގުޅފައިވާއިރު ޖޯ އާއި ޖެރޯމް ބޯޓެންގްއާއި ޝޭ ގިވަންއާއި ޝޯން ރައިޓް ފިލިޕްސް އަދި ކްރެއިގް ބެލަމީ ވަނީ ކުލަބު ދޫކޮށް ގޮސްފައެވެ. މެންސިޓީއިން ލޯނުގެ ދަށުން ދޫކޮށްލާފައިވާ މުހިންމު ކުޅުންތެރިންގެ ތެރޭގައި ރޮކެ ސެންޓާ ކްރޫޒް، ލަޑިމަޔާ ވޭސިސް އަދި އެމަނުއެލް އަޑެބަޔޯ ހިމެނެ އެވެ.