ކުށުގެ ތުހުމަތުގައި ކަރެކްޝަނަލް ސާވިސް އަދި ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށްދޭ ވަކީލު ބައްދަލުވުންތަކަށް އެކަށީގެންވާ ވަގުތު ދިނުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ ފަރާތުން ވަނީ އެކަށީގެންވާ ވަގުތު ވަކީލު ބައްދަލުވުމަށް ނުލިބޭތީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން އިސް ގާޒީ އާދަމް އާރިފް އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ މުއައްސަސާތަކުން ވަކީލު ބައްދަލުވުމަށް މިހާރު ދެމުންދާ ވަގުތަށް ވުރެ އިތުރު ވަގުތު ދިނުމަށް އެ ކޯޓުން އަމުރު ކުރާނެ ކަމަށެވެެ. އަދި ވަކީލު ބައްދަލުވުމަށް ދޭ ވަގުތުތަކުގެ ތަފްސީލު ކޯޓަށް ފޮނުވަމުން ގެންދިޔުމަށް ވެސް އަމުރުކުރާނެ ކަމަށް ވެސް ގާޒީ އާދަމް އާރިފް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުން މިހާރު ކްރިމިނަލް ކޯޓުން ވަނީ އެކަމަށް އަމުރުކޮށް ފުލުހުންނަށާއި ކަރެކްޝަންސްއަށް ލިޔުމުން ފޮނުވައިފަ އެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވަކީލުން ވިދާޅުވީ ރައީސް މައުމޫނު ހުންނަވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ވަކީލު ބައްދަލުވުމަށް ލިބެނީ ދުވާލަކު އެއްގަޑިއިރު ކަމަށާއި އެ ވަގުތުގައި ގިނަ މައްސަލަތަކަށް ތައްޔާރުވާން ވަގުތު ނުލިބޭ ކަމަށެވެ. އެވަގުތު އެންމެ މަދުވެގެން ދެ ގަޑިއިރަށް އިތުރުކޮށްދޭން އަމުރުކޮށް ދިނުމަށް ވެސް ވަކީލުން އެދިވަޑައިގަތެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ އެމަނިކުފާނަށް މިހަފްތާ އަދި ވަކީލު ބައްދަލުވުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި ބައްދަލުވުން އިއްޔެއަށް ލިބުނު ނަމަވެސް ކޯޓުގައި ޝަރީއަތް އޮތުމުގެ ސަބަބުން ވަކީލުންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު އަލީ ހަމީދަށް ވެސް ވަކީލާ ބައްދަލު ކުރުމުގެ ފުރުސަތު މި ހަފްތާ ލިބިފައި ނުވާ ކަމަށް ވަކީލު މަހުފޫޒު ސައީދު ވިދާޅުވި އެވެ.

ރައީސް މައުމޫނާއި ފަނޑިޔާރު އަލީ ހަމީދު އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރާ ތިން މައްސަލައެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ.