އެވަޓަންއަށް ކުޅެމުން ދިޔަ ސްޕެއިން މިޑްފީލްޑަރު މިކެލް އާޓެޓާ އާއި ޗެލްސީއަށް ކުޅެމުން ދިޔަ އިޒުރޭލުގެ ޔޮސީ ބެނަޔޫން ޓްރާންސްފާ ޕީރިއަޑުގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި އާސެނަލް އަށް ސޮއިކޮށްފި އެވެ.

ކުރިންވެސް އެވަޓަން ދޫކޮށް ދިއުމުގެ އިޝާރާތެއް ކުރި އާޓެޓާ އަށް އާސެނަލްއިން ފުރަތަމަ ހުށަހެޅި ބިޑް ގަބޫލު ނުކުރުމުން އެވަޓަންއިން ގަބޫލުކުރާފަދަ އަގެއް އާޓެޓާއަށް ކިޔާފައި ވެއެވެ. އާޓެޓާ އެކޭ އެއްފަދައިން ޗެލްސީ ދޫކޮށް ދިއުމުގެ އިޝާރާތެއް ބެނަޔޫން ދީފައިވަނިކޮށް ބެނަޔޫންގެ ސޮއި އާސެނަލްއިން ހޯދީ އެ ކުލަބު ދޫކޮށް ގޮސްފައިވާ ސެކް ފެބްރިގާސް އާއި ސާމިރު ނަސްރީ ނެތްތަން ފޫބެއްދުމަށް ކަމަށް ބެލެވެއެވެ.

އެވަޓަން އިން 10 މިލިޔަން ޕައުންޑަށް އާޓެޓާ އާސެނަލްއަށް ދޫކޮށްލާފައިވާކަން ދެ ކުލަބުން ވެސް ކަށަވަރުކޮށްދީފައި ވެއެވެ.

"އާޓެޓާ ކުރިން ވެސް އަހަރެން ކައިރީ ބުނި އާސެނަލްއިން ރަނގަޅު ހުށަހެޅުމެއް ލިބިއްޖެޔާ ގަބޫލުކުރާނަމޭ. އޭނާ ކުލަބާއި ވަކިވުމުން ދެރަވަން. އެކަމަކު އަހަރެންނަށް އޭނާ ބޭނުންވާ ގޮތަށް ޗެމްޕިއަންސް ލީގުގައި ކުޅެލުމުގެ ފުރުސަތެއް ހޯދައިދެވޭކަށް ނެތް." އެވަޓަން ކޯޗު ޑޭވިޑް މޮއެސް ބުންޏެވެ.

ސްޕެއިންގެ ވެލެންސިއާ އަށް ކުޅެމުންއައި ހުއާން މަޓާ ޗެލްސީއާ ގުޅުމުން ބެނަޔޫންއަށް އެ ކުލަބުގެ ފުރަތަމަ އެގާރައިން ޖާގަ ހަނިވުމާއެކު ލޯނެއްގެ ދަށުން އާސެނަލް އާއި ގުޅުނު ބެނަޔޫން ބުނެފައި ވަނީ ބަދަލާމެދު އުފާކުރާ ކަމަށެވެ.
"އަހަރެން މިހާރު މިއީ އާސެނަލްގެ ކުޅުންތެރިއެއް. އަހަރެން އެކަމާއި ވަރަށް އުފާ ކުރަން. އަހަރެންގެ ވިސްނުން މިހާރު ހުރީ އަންނަ ހުކުރު ދުވަހު އާސެނަލް ކުޅޭ މެޗަށް ނުކުންނަ މެޗަށް." އިޒްރޭލްގެ ގައުމީ ކެޕްޓަން ބެނަޔޫންގެ ޓުވިޓާގައި ލިޔެފައިވެ އެވެ.

ބެނަޔޫން އާއި އާޓެޓާގެ އިތުރުން އޭއެސް މޮނާކޯގެ ޕާކް ޗޫ ޔަންގް އާއި ފެނެބާޗޭގެ ޑިފެންޑަރު އަންދުރޭ ސަންޓޯޝް އަދި ވާޑާ ބްރޭމަންގެ ޑިފެންޑަރު ޕާ މަޓްސެކާ ވެސް ވަނީ އާސެނަލްއަށް ސޮއިކޮށްފަ އެވެ.