28 May 2010, 05:25
10:00
އިސްލާމަކީ އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ދޫކޮށްލައިގެންވާނެ މާއްދާއެއް ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކް ވިދާޅުވެއްޖެ އެވެ.
ޑރ. ޒާކިރު ނައިކް މިހެން ވިދާޅުވީ އާއްމުކޮށް ހުޅުވާލައިގެން ރޭ މާފަންނު ސްޓޭޑިއަމްގައި ބޭއްވި އޭނާގެ ދަރުސްއަށް ފަހު ބައެއް ފަރާތްތަކުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ޑރ. ޒާކިރު ނައިކްގެ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމް ޤައުމަކަށް ވާއިރު އިސްލާމް މާއްދާއަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި މުސްލިމުންނަށް ދީނީ އިލްމު އުނގެނުމަކީ ކަށްވަޅަށްދާން ދެން ކުރަންޖެހޭ ކަމެއް ކަމަށާއި އޭނާ އިސްވެހުންނަވައިގެން ހިންގަވަމުންގެންދަވާ އިސްލާމިކް އިންޓަރނޭޝަނަލް ސްކޫލްގައި ކޮންމެ 10 ޕީރިއަޑަކުން ހަ ޕީރިއަޑް ޚާއްޞަ ކޮށްފައިވާނީ އިސްލާމް ދީނާއި ގުޅުންހުރި މާއްދާތައް ކިޔަވައިދިނުމަށް ކަމަށްވެސް ޑރ. ޒާކިރު ނައިކް ވިދާޅުވި އެވެ. ޑރ. ޒާކިރު ނައިކްގެ އެވާހަކަތަކަށް ވަރަށް ގިނަ ބަޔަކު ރޭ ވަނީ ތާއީދުކޮށްފަ އެވެ.
ޑރ. ޒާކިރު ނައިކްގެ ދަރުސެއް މިރޭ ވެސް ސްޓޭޑިއަމް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެ އެވެ.