ސޯޝަލް މީޑިއާ ބޭނުންކުރާއިރު އެންމެ ރުޅިގަދަވާ އެއްކަމަކީ ވީޑިއޯތަކުގެ މެދުތެރެއިން ފެންނަ އިސްތިހާރުތަކެވެ. ބައެއް އިސްތިހާތުތައް ސްކިޕް ކޮށްލެވޭއިރު ނޫނީ ނުބަލައި ދޫކޮށްލެވޭއިރު އަނެއްބައި އިސްތިހާރުތައް ނިމެންދެން ޖެހެނީ ފޫހިކަމާއެކު މަޑުކުރާށެވެ.

މަސްހޫރު މެސެޖިން/ފޮޓޯ ޝެއަރިން އެޕްލިކޭޝަން ސްނެޕްޗެޓުންވެސް މިވަނީ އެ ޕްލެޓްފޯމުގައި އިސްތިހާރު ބޭނުންކުރަން ނިންމައިފައެވެ. އެގޮތުން ހަ ސިކުންތުގެ ސްކިޕް ނުކުރެވޭ ވީޑިއޯ ސްނެޕްޗެޓުގައި ހިމަނައި ޓެސްޓު ކުރަން އެމީހުން ވަނީ ނިންމައިފައެވެ.

މި ޓެސްޓުތައް އަންނަ މަހުގެ މެދުތެރޭ ފަށާއިރު "ކޮމާޝަލްސް"ގެ ނަމުގައި ސްނެޕްޗެޓުގައި ހިމަނާ އިސްތިހާރުތަކަކީ ސްނެޕްޗެޓުގެ ޝޯތައް ބަލާއިރު ފެންނާނެ އިސްތިހާރުތަކެވެ. އަމިއްލަ މީހުންގެ ސްޓޯރީ، ޑިސްކަވާއިން މި އިސްތިހާރުތަކެއް ނުފެންނާނެއެވެ.

މި ބަދަލަކީ އިސްތިހާރުތައް ހިމެނުމުން ޔޫޒަރުންގެ އަދަދަށް ބަދަލުއާދޭތޯ އާއި އިސްތިހާރުގެ ސަބަބުން ޔޫޒަރުންގެ މެދުގައި ސްނެޕްޗެޓަށް އޮތް މަގުބޫލުކަން ގެއްލޭތޯ ކުރާ ޓެސްޓެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ސްނެޕްޗެޓުގައި ހިމަނާނީ ބޮޑެތި ކުންފުނިތަކުގެ، ހައިކޮލެޓީ އެޑްތައް ކަމަށްވެއެވެ.