25 Apr 2018, 23:07
ދައުލަތުން ކޮށްފައިވާ ދައުވާއަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ދައުވާއެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދައުލަތް ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ދައުލަތުން ފަނޑުޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވަނީ ފޯނު ދޭން ފުލުހުން ބުނުމުން ފޯނުވީތަނެއް ނުބުނި މައްސަލާގަ އެވެ. އެ ތިން ބޭފުޅުންގެ މައްޗަށްވެސް ދައުލަތުން ދައުވާ ކުރީ ގާނޫނުލް އުގޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރުގެ ދަށުންނެވެ.
އެމައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާ ސާފުވެއްޖެތޯ ގާޒީ އާދަމް އާރިފް ސުވާލު ކުރެއްވުމުން ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ ދައުވާ ސާފު ނުވާ ކަމަށެވެ. ސާފު ނުވަނީ ދައުވާގައި "ފޭކް" ވާހަކަތަކެއް ހުރުމުން ކަމަށް އަލީ ހަމީދު ވިދާޅުވި އެވެ.
އަލީ ހަމީދުގެ ވަކީލު މަހުފޫޒު ސައީދު ވަނީ ދައުވާއިން ގިނަ ކަންކަން ސާފު ނުވާތީ ގިނަ ސުވާލުތަކެއް ދައުލަތާ ކުރިމަތި ކުރުވާފަ އެވެ. އެގޮތުން ދައުވާކޮށްފައިވަނީ މަގުސަދަކީ ކޮބާތޯ އާއި ދައުވާގެ ރުކުން ސާފުކޮށްދޭން މަހުފޫޒު އެދިވަޑައިގަތެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ދައުލަތާ ދެކޮޅަށް ކޮށްފައިވާ އަމަލަކާ ގުޅިގެން ކަމަށެވެ. އެ އަމަލަކީ މީހެއްގެ މައްޗަށް ދައުވާއެއް އުފުލުމަށް ހުރަސް އެޅުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމަށް ވިދާޅުވި އެވެ. އަދި ދައުވާ ކޮށްފައިވަނީ ފަހެއް ފެބުރުއަރީ ދުވަހުގެ ރޭ މެންދަމު 3:30 ހާއިރު ފުލުހުން ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ފޯނު ދޭން އެދުމުން ފޯނު ދީފައި ނުވާތީ ކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
މައްސަލައިގެ މާއްދީ ހެއްކަކަށް ފޯނު ވަނީ ކީއްވެތޯ މަހުފޫޒު ވަނީ ދައުލަތާ ސުވާލު ކުރައްވާފަ އެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ މައްސަލައާ ގުޅުން ހުރި މުއާމަލާތްތަކެއް ފަނޑިޔާރުގެ އަލީ ހަމީދުގެ ފޯނުން ކޮށްފައިވާތީ ކަމަށެވެ.
ދައުވާ ސާފުވެއްޖެ ކަމަށް ވިދާޅުވެ ފަނޑިޔާރު އަލީ ހަމީދު ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.
މިއަދުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިސް ގާނޫނީ ވަކީލުންނަށް ފުރުސަތު ނުލިބޭ ގޮތަށް މައްސަލަ ކުރިއަށް ގެންދާ ކަމަށް ބުނެ އަބްދުﷲ ސައީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެވަގުތު އުއްތަމަ ފަނޑިޔާރުގެ އިސްވަކީލުން ކަމަށްވާ ހިސާން ހުސައިން އަދި ނޫރު އަބްދުއްސަލާމް ތިއްބެވީ ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ އެހެން ޝަރީއަތުގެ މަޖިލީހެއްގަ އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލައަށް ތައްޔާރުވެ ތަހުގީގާ ހަމައިން އެމަނިކުފާނުގެ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވާ ވަކީލުންނަށް ފުރުސަތު ނުދެއްވުމަކީ އާބިޓްރަރީކޮށް ޝަރީއަތް ކުރިއަށް ގެންދިއުން ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ ކަންބޮޑުވުމަށް ޖަވާބުދެއްވައި ގާޒީ އާދަމް އާރިފް ވިދާޅުވީ އެ ވަކީލުންނަށް މައްސަލައަށް ވަނުމުގެ ފުރުސަތު ދިނުމަށް ވަކީލުންނާ އެކު ދިގު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި ގިނަ ވަކީލުންތަކެއް އެއްމައްސަލައަކަށް އައްޔަން ވެފައި ތިބުމަކީ ބައެއް ފަހަރު ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ދަތިވާ ކަމެއް ކަމަށާއި އެހެން ނަމަވެސް މައްސަލައިގައި އައްޔަންވާ ހުރިހާ ވަކީލުންނަށްވެސް ފުރުސަތު ދީގެން މައްސަލަ ކުރިއަށް ގެންދިއުމަށް އަބަދުވެސް އިސްކަންދޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
ވަކީލުންހާޒިރުވާން ޖެހޭ ދެ މައްސަލައެއް އެއްގަޑިއަކަށް ތާވަލުކޮށްފައި އޮތުމުން މިއަދު 3:30 ހަށް ތާވަލު ކުރި އަޑުއެހުން ފެށުނީ ހައެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. ގާޒީ އާދަމް އާރިފް ވިދާޅުވީ އެހާ ގިނައިރުތަކެއް ނެގީވެސް ވަކީލުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ. އެހެންނަމަވެސް އެކަން ހަމަ ޖެހުމަކަށް ނައިސް މައްސަލަ ކުރިއަށް ގެންދަން ޖެހުނީ ކަމަށް ގާޒީ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލައި މަދަނީ މިންގަނޑުން މައްސަލަ ޝަރީއަތަށް ބަލައިގަނެ ކުރިއަށް ގެންދަން ނިންމާ ކަމަށެވެ. އަދި ޝަރީއަތުގެ ކުރިން ލިޔެކިޔުމެއް ހުށަހަޅަން ބޭނުންވާ ނަމަ މޭ މަހުގެ ދެވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ފުރުސަތު ދެއްވި އެވެ. ދެން އެމައްސަލައިގެ އަޑުއެހުމެއް އޮންނާނެ ކަމަށް ގާޒީ ވިދާޅުވީ މޭ މަހުގެ އެއްވަނަ ދުވަހު އެވެ.