01 Sep 2011, 12:30
ޕްރެމިއާ ލީގުގެ ޓްރާންފާގެ ދޮރު ރޭ ބަންދުވާން ގަޑިއިރަކަށް ވެފައިވަނިކޮށް ލިވަޕޫލްގެ ޕޯޗުގަލް މިޑްފީލްޑަރު ރައުލް މެރީލޭސްގެ ސޮއި ޗެލްސީއިން ހޯދައިފި އެވެ.
ލިވަޕޫލުން ފެނާންޑޯ ޓޮރޭސް ޗެލްސީއަށް ދިއުމާއި ގުޅިގެން ކުލަބު ދޫކޮށް ދިއުމުގެ ވިސްނުމުގައި ހުރި މެރީލެސް ޗެލްސީއަށް ގެންދިޔައީ ޗެލްސީއިން ކެނޑިނޭޅި ހޯދުމަށް މަސައްކަތްކުރި ޓޮޓެންހަމްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ނުލިބުމުންނެވެ. ރައުލް މެރީލޭސްގެ ސޮއި ލިބިފައިވާކަން ޗެލްސީއިން ވެސް ކަށަވަރު ކޮށްދީފައިވެއެވެ.
"ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ޗެލްސީއާ އެކު ރައުލް މެރީލޭސް ސޮއިކޮށްފި. ޗެލްސީއިން މިކަން ފާހަގަކޮށް އުފާކުރަން." ޗެލްސީގެ ރަސްމީ ވެބްސައިޓުގައިވާ ބަޔާނެއްގައި ވެއެވެ.
ކުރިން ޕޯޗުގަލްގެ ޕޯޓޯއިން ވިދާލި މެރީލޭސް ލިވަޕޫލަށް ސޮއިކޮށްފައިވަނީ މިދިޔަ ސީޒަންގައެވެ. އެކުޑަ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ލިވަޕޫލަށް މުހިންމު ލަނޑުތަކެއް ވެސް ކާމިޔާބުކޮށްދީފަ އެވެ.
މެރީލޭސް ޗެލްސީއަށް ސޮއިކޮށްފައިވާކަން ހާމަވި ވަގުތު މެންސިޓީއަށް ކުޅެމުންއައި ކްރެއިގް ބެލަމީ އެނބުރި ލިވަޕޫލާއި ގުޅިފައިވާކަން ވެސް ހާމަވެގެން ދިޔައެވެ.
"ކްރެއިގް ބެލެމީ ލިވަޕޫލާއެކު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާކަން ހާމަކުރަން. އޭނާ ކުޅޭނީ 39 ނަންބަރު ޖާޒީގައި." ލިވަޕޫލްއިން ނެރުނު ނޫސް ބަޔާނެއްގައި ވެއެވެ.
މެންސިޓީއަށް ކުޅެމުންދިޔަ ބެލަމީ އެންމެ ފަހުން ކުޅެފައިވަނީ ލޯނުގެ ދަށުން ކާޑިފް ސިޓީއަށެވެ. ވޭލްސް ފޯވާޑް ބެލެމީ ލިވަޕޫލަށް ކުރިން ކުޅެފައިވަނީ އެއް އަހަރު ދުވަހުގެ ކުރު މުއްދަތަކަށެވެ. އެދުވަސްވަރު އަމިއްލަ ޓީމުގެ ކުޅުންތެރިޔާ ޖޯން އާން ރީސޭއަށް ގޮލްފް ބޯޅައަކުން ހަމަލާދީ އޭރުގެ ކޯޗް ރަފެއަލް ބެނިޓޭޒް އާއި ގާތް ގުޅުމެއް ނޯންނަ ބެލަމީ ދެން ފެނިގެންދިޔައީ ވެސްޓް ހާމް ޔުނައިޓެޑުންނެވެ.