26 Apr 2018, 09:42
ޗައިނާގެ ރެޑް ކްރޮސް ސޮސައިޓީގެ ނޮން އެމަޖެންސީ ހިއުމަނިޓޭރިއަން އެސިސްޓަންސް ޕްރޮގްރާމްގެ ދަށުން ދިވެހި ރެޑް ކްރެސެންޓަށް 177،000 ޑޮލަރު (2.72 މިލިއަން ރުފިޔާ)ގެ ތަކެތި ހަދިޔާކޮށްފި އެވެ.
އިއްޔެ ސޯލްޓް ރެސްޓޯރަންޓްގައި ބޭއްވި ކުޑަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު ނޫރާ މުހައްމަދު ވިދާޅުވީ އެ ސޮސައިޓީ އިން ދިން ތަކެތީގެ އެހީގައި ރެޑް ކްރެސެންޓްގެ މައިމަރުކަޒާއި ގޮފިތަކާއި ޔުނިޓްތަކުން އިންސާނީ އެހީ ފޯރު ކޮށްދިނުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތްތަކަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
"އިންސާނިއްޔަތުކަމުގެ ރޫހުގެ މަތިން އެކި ގޮތް ގޮތުން އިންސާނިއްޔަތަށް ޓަކައި މަސައްކަތްކުރާ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް މިތަކެތިން ބައެއް ތަކެތި ރެޑް ކްރެސެންޓް އިން ހަދިޔާ ކުރުމަށް ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
ނޫރާ ވިދާޅުވީ އުންމީދަކީ މިއަށް ވުރެ ބޮޑަށް "ކޮލަބްރިޓީ ސާވިސް ވަރުގަދަ" ކުރުން ކަމަށެވެ.
ރެޑް ކްރެސެންޓް އިން ބުނީއެ ޖަމާއަތުގެ އުންމީދަކީ އެ ތަކެތީގެ އެހީގައި މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ލުއި ފަސޭހަ ކަމެއް ލިބި މުޖްތަމައުގެ އެންމެ ނާޒުކު ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދިއުން ކަމަށެވެ.

ހަފްލާގެ ބައިވެރިން ފޮޓޯ އަކަށް ހުއްޓިގެން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ރެޑް ކްރެސެންޓްގެ އަމާޒަކީ ރަށު ފެންވަރުގަޔާއި ގައުމީ ފެންވަރުގައި މަސައްކަތް ކުރާ، ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ މުއައްސަސާތަކާ ގުޅިގެން އެންމެ ނާޒުކު ފަރާތްތަކަށް އެންމެ ފުރިހަމަ ގޮތެއްގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށް އެ ސޮސައިޓީ އިން ބުންޏެވެ.
ޗައިނާ ރެޑް ކްރޮސް ސޮސައިޓީ އިން ރެޑް ކްރެސެންޓް އަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައިޑެސްކްޓޮޕް ކޮމްޕިޔުޓަރާއި ހާޑް ޑިސްކް ޑްރައިވްގެ އިތުރުން ލެޕްޓޮޕް ހިމެނެ އެވެ. އަދި ހަދިޔާ ކުރި ތަކެއްޗަކީ އެންމެ ފަހުގެ މޮޑެލްސް ކަމަށް ވެސް ރެޑް ކްރެސެންޓުން ބުންޏެވެ.
އެ ތަކެތި ހަވާލު ކުރުމަށް ނިންމާފައިވާ ތަންތަނަކީ:
ކެއާ ސޮސައިޓީ
މޯލްޑިވްސް އެސޯސިއޭޝަން ފޯ ފިޒިކަލް ޑިސްއޭބަލްސް
ފިޔަވަތި (ހުޅުމާލެ ކުޑަކުދިންގެ ހިޔާ)
ކުޑަކުދިންގެ ހިޔާ (ވިލިމާލެ)
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (ކ.ގުރައިދޫ)
މޯލްޑިވްސް އެންސީޑީ އެލަޔަންސް
ނެޝަނަލް ޑްރަގް އޭޖެންސީ
ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވެސް
މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަން
މޯލްޑިވްސް ކެޑޭޓް ކޯ