01 Sep 2011, 12:07
ފ. މަގޫދޫ ކައުންސިލް އިދާރާ ފަޅާލައި ތިޖޫރީގައި ހުރި ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އާއި އެ އިދާރާގެ ބައެއް ސަމާނު ވަގަށް ނަގައިފި އެވެ.
މަގޫދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ނާސިރު ވިދާޅުވީ ރަށު ކައުންސިލް އިދާރާއަށް ވަދެވޭ މައި ދޮރު ހަލާކުކޮށްލައިގެން ރޭ ވަގުތެއްގައި ކޮށްފައިވާ އެ ވައްކަމުގައި ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އެ ފައިސާ ގެންގޮސްފައި ވަނީ އެ އިދާރާގެ ތިޖޫރީ ހަލާކުކޮށްލައިގެން ކަމަށް ވެސް ނާސިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިޖޫރީގައި ހުރި ފައިސާތައް ގެންދިޔައިރު ކައުންސިލް އިދާރާގެ ދެ ލެޕްޓޮޕާއި ޑިޖިޓަލް ކެމެރާއެއްގެ އިތުރުން މަލްޓިމިޑިޔާ ޕްރޮޖެކްޓަރެއް ވެސް ވަގުން ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މަގޫދޫ ކައުންސިލް އިދާރާ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި އަގު ބޮޑު ތަކެތި ވަގަށް ނެގި މައްސަލަ ތަހުގީގު ކުރަން އެ ރަށުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.
މަގޫދޫ ކައުންސިލު އިދާރާއިން ބުނީ ތިޖޫރި ފަޅާލާފައި ވަނީ ތިޖޫރި ހުރި ކޮޓަރީގެ ދޮރު ވެސް ހަލާކުކޮށްލައިގެން ވަދެ ކަމަށެވެ.
"މިއަދު ހެނދުނު 8:30 އެހާއިރު އިދާރާ ހުޅުވަން ދިޔައިރު ދޮރު ހަލާކުކޮށްލައިގެން ވަދެފައި ހުރިކަން އެނގުނީ. ބެލިއިރު ތިޖޫރީގައި ހުރި ހުރިހާ ފައިސާއެއް ވަނީ ވަގަށް ގެންގޮސްފައި. އެވަރަށް )ހަ ލައްކަ ރުފިޔާއަށްވުރެ ގިނައިން( ފައިސާ ހުރީ އަދި ބައެއް މުވައްޒަފުންނަށް މުސާރަ ވެސް ނުދެވި ހުރުމުން." ނާސިރު ވިދާޅުވި އެވެ.