ވެރިރަށް މާލެ އޮތީ ތޮއްޖެހިފައި ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ އަދި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުގެ ވާހަކަތައް ހިމެނޭ "ރަށްވެހި ތަރަައްގީ" ފޮތް ނެރެދެއްވުމަށް ފަހު މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގައި 25 ބުރީގެ އިމާރާތްތައް ބިނާކުރެވޭނެ ކަމަށާއި އެއީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅާނެ އިމާރާތްތަކެއް ކަމަށެވެ. އަދި އެ އިމާރާތްތައް އަޅާނެ ޖާގަ ވެސް މާލޭގައި އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

"މާލޭގައި 25 ބުރީގެ އިމާރާތެއް ހެދިގެން ދިޔައީ. ސަރުކާރަށް އެކަނިތޯ މާލޭގައި 25 ބުރީގެ އިމާރާތެއް އެޅޭނީ؟ އަމިއްލަ ފަރާތްތަކަށް މާލޭގައި 25 ބުރީގެ އިމާރާތްތައް މިއަދުވެސް އެޅޭނެ. އެވަރުގެ ފުޓްޕްރިންޓެއް ހިފައިގެން އައިސްފި ކަމަށް ވަންޏާ އަމިއްލަ ފަރާތްތަކަށް މާލޭގައި 25 ބުރީގެ އިމާރާތްތައް އެޅުމުގެ ހުއްދަ މިއަދު ވެސް އެބައޮތް،" ރައީސް ވިދާޅުވީ 2018ގެ ރިޔާސީ އިންތިޚާބާއެކީ މާލޭގައި 25 ބުރީގެ އިތުރު އިމާރާތްތަކެއް އެޅޭނެ ކަމަށާއި އެކަމަށް ޖާގަ އެބައޮތް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ވައި ނުސާފުކުރާ ކުނިގޮނޑުތަކާއި ޓްރެފިކުން ތޮއްޖެހިފައިވާ މަގުތަކަކަށް ވިޔަސް މިހާރު އެ މަންޒަރު ބަދަލުވެފައިވާ ކަމަށެވެ.

ރަށްވެހި ތަރައްގީ، މި ފޮތުގައި ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު، ތަފާސް ހިސާބުތަކާ އެކު ވަނީ ހިމަނައިފައެވެ. ތަރައްގީގެ ވާހަކަ ތަފާސް ހިސާބުތަކުން ކިޔައިދިނުމުން އެ ވާހަކަތައް ވިސްނަން ފަސޭހަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ތިންސަތޭކަ ނުވަދިހަ ހަތަރު ސަފުހާގެ މި ފޮތަކީ ކިޔަވާކުދިންނާއި ރިސާޗަރުންނަށް ހާއްސަ ފޮތެއް ކަމަށް ރައީސް ވިދާޅުވިއެވެ. މި ފޮތުގެ މައްޗަށް ބިނާކޮށް ކުރިއަށް އޮތް ފަސް އަހަރުގެ އާބަން ޕްލޭނިންއާއި އިގްތިސާދީ ތަސައްވަރު ބިނާކުރެވިގެންދާނެ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީ ގޮސްފައިވާ ހުރި މިންވަރުން އެތަންތަނުގައި އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމް ކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެން ކުރަން ޖެހިފައިވާ ކަމަކީ އެތަންތަން ކޯ ޑިވެލޮޕްކޮށް އިންފްރާސްޓްރަކްޗާ ތަރައްގީކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

މި ފޮތަކީ ރާޢްޖޭގެ ތަސައްވުރަށް މި ސަރުކާރުން ކުލަޖައްސައި ދީފައިވަނީ ކިހާވަރަކަށްކަން ދައްކައިދޭ ފޮތެއް ކަމަށް ރައީސް ވިދާޅުވިއެވެ. ފޮތުގައި ހުންނާނީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ތަރައްގީ ކުރަން ކުރެވުނު މަސައްކަތްތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.