މާފަންނު ޕިންކް ރޯސްގައި ދިރިއުޅެމުން ދިޔަ ބިދޭސީންތަކަކަށް ބިރު ދައްކައި އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރެމުންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން ވަނަ މީހަކީ ވެސް ސިފައިންގެ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ސިފައިންގެ ބަޔަކު ގުޅިގެން ހިންގާފައިވާ ފޭރުމުގެ މައްސަލައިގައި "ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރި މީހަކީ ސިފައިންގެ މީހެއް" ކަމަށެވެ. އޭގެ ތަފުސީލެއް އޭނާ ނުދެއްވި އެވެ.

ހައްޔަރު ކުރި ތިން ވަނަ މީހަކީ ސިފައިންގެ މީހެއް ކަމަށް ފުލުހުން ބުނިއިރު ސިފައިން ވަނީ ތިން ވަނަ މީހާގެ ނަން ވެސް އާންމުކޮށްފަ އެވެ. ހައްޔަރުކުރި ސިފައިންގެ ތިން ވަނަ މީހާއަކީ ކ. ގާފަރު، ނޫވިނަ، ޕްރައިވެޓް ސާއިބު އިބްރާހީމެވެ.

އެމައްސަލައިގައި ފުލުހުން ކުރިން ހައްޔަރުކޮށްފައިވާ ދެ ސިފައިންނަކީ ޅ. ހިންނަވަރު، އާރާމުގެ، ލާންސް ކޯޕްރަލް އަލީ އިބްރާހީމް،26، އާއި ލ. މުންޑޫ، ފިނިފެންމާގެ، ޕްރައިވެޓް ހުސައިން މާހިރު،23، އެވެ.

އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާތަކަކާއި ޑޮލަރުތަކެއް އެމީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފޭރުމުގެ މި މައްސަލައާ ގުޅިގެން ސިފައިން ބުނެފައި ވަނީ "އެމީހުންނާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުން ނާއި ގުޅިގެން މި އަންނަނީ މަސައްކަތް ކުރަމުން" ކަމަށެވެ.