އޭއެފްސީ ކަޕްގައި މިއަދު އިންޑިއާގެ ބެންގަލޫރު އެފްސީއާ ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ވާދަކުރާ މެޗުގައި ފެނިގެންދާނީ މި ސަރަހައްދުގެ އެންމެ މޮޅެތި ކުޅުންތެރިންގެ ކުރިމަތިލުމެއް ކަމަށާއި، މިއަދުގެ މެޗުގައި ފެނިގެންދާނީ ދެކުނު އޭޝިއާގެ އެންމެ ރީތި ފުޓުބޯޅަ ކަމަށް ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ބުނެފިއެވެ.

އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެއްވަނައިގައި ބެންގަލޫރު އޮތް އިރު، ދެވަނައިގައި އޮތް ނިއުއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ނިއު ބަލިވެފައިވަނީ ހަމައެކަނި ބެންގަލޫރާ ދެކޮޅަށް އިންޑިއާގައި ކުޅުނު މެޗުންނެވެ. އެ މެޗުން ނިއު ބަލިވީ ބެންގަލޫރުން ފަހު ވަގުތު ޖެހި ގޯލުންނެވެ.

"މެޗުން މޮޅުވެއްޖެ ނަމަ ނިއު އޮންނާނީ ތާވަލުގެ އެއްވަނައިގައި. ނިއުއަށް ހާސްވާން ޖެހޭ ކަމެއް ނެތް. މި ކަހަލަ މެޗުތަކަކީ ހޯމް މެޗު ކަމަށް ވަރަށް ބޮޑަށް ދެކިގެން ކުޅުން ބޭނުން ވަނީ. ކުރިން ރާއްޖޭ ޓީމުތަކާއެކު ބެންގަލޫރުން ނެރުނު ނަތީޖާ ތަކަކީ ތާރީހު. އެއީ މިހާރު ވެ ނިމިފައިވާ ކަމެއް. ގިނަ ބަޔަކު ބުނޭ ބެންގަލޫރަކީ ފެވަރިޓުން ކަމަށް. ވެދާނެ ބަޖެޓުން ކަމަށްވެސް، އިންޑިއާ ރާއްޖެއަށް ވުރެ އެތައް ގުނައެއް ބޮޑުވުމުން ކަަމަށްވެސް. އެކަމަކު މެޗުގައި ކުޅޭނީ 11 ކުޅުންތެރިންނާ 11 ކުޅުންތެރިނާ،" މިއަދުގެ މެޗާ ގުޅޭގޮތުން އިއްޔެ ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ މިއަދުގެ މެޗު ބަލަން މީހުން ދާންވީ ސަބަބަކީ މެޗުގައި ދެކުނު އޭޝިއާ ލެވެލްގެ އެންމެ މޮޅެތިި ކުޅުންތެރިން ފެންނާނެތީ ކަމަށާއި، މެޗަކީ ރީތި ފުޓުބޯޅައެއް ފެންނާނެ މެޗަކަށް ވާތީ ކަމަށެވެ.

"ނިއުއަކީ ބައިނަލްއަގުވާމީ ލެވެލްގައި ތާރީހީ ކްލަބެއް. މެނޭޖުމަންޓުން ބޭނުންވަނީ މި ލެވެލްގައި ތަފާތު ދައްކަން. އެހެންވީމާ ކުޅުންތެރިންގެ ވިސްނުމުގައިވެސް ހުރީ އެކަން ކުރަން. އަނެއްކާވެސް ބުނެލަން، މެޗުގައި ދަނޑުމަތީގައި ކުޅޭނީ ސަރަހައްދީ އެންމެ ބޮޑު ދެ ކްލަބު. ފެނިގެންދާނީ ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިންގެ ކުރިމަތިލުމެއް. މެޗު ބަލަން އެންމެވެސް ދާންވީ. މެޗުގައި ފެންނާނީ މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ފުޓުބޯޅަ. އެންމެ މޮޅު ދެ ކުޅުންތެރިން. އެންމެ މޮޅު ދެ ޓީމު،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ މެޗު ބެލުމަށް ދާންވީ ހަމައެކަނި ނިއު ރޭޑިއަންޓްގެ ސަޕޯޓަރުން އެކަނި ނޫން ކަމަށާއި، ދިވެހި ފުޓުބޯޅައަށް ލޯބިކުރާ، ފުޓުބޯޅަ އާއިލާވެސް ނިއުއަށް ހިތްވަރު ދޭންވީ ކަމަށެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، ނިއުއިން އެންމެފަހުން ލީގުގައި ކުޅުނު މެޗުން ބަލިވެފައި އޮތުމަކީ ޕްރެޝަރެއްތޯ އެހުމުން އޮސްކާ ބުނީ އެއީ އެއްވެސް ވަރަކަށް ހާސްވާ ކަމެއް ނޫން ކަމަށެވެ. އަދި މެޗަކުން ބަލިވުމުން އޭނާގެ ފިލޯސަފީއަކީ އަނެއް ދުވަހު އެއަށްވުރެ ވަރުގަދަކޮށް ނުކުތުން ކަމަށާއި، ކުޅުންތެރިންނަށްވެސް އެކަން ވިސްނައިދީފައިވާނެ ކަމަށް އޮސްކާ ބުންޏެވެ.

ބެންގަލޫރު އެފްސީއާއި ނިއުރޭޑިއަންޓް ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ. މި މެޗަށް ބެންގަލޫރު ނުކުންނަ އިރު، އެޓީމު ވަނީ މިހާތަނަށް ދިވެހި ޓީމުތަކާ ދެކޮޅަަށް ފަސް މެޗު ކުޅެ އެ ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްފައެވެ.