25 Apr 2018, 09:43
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގައި މައްޗަންގޮޅި ޒުވާނުންގެ ގުޅުމުން ބޮޑު މޮޅަކާއެކު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. މުބާރާތުގެ ފުރަތަމަ ރޭ ފިރިހެން ޑިވިޝަންގެ އެއް މެޗު ކުޅެފައިވާ އިރު، ރޭ ވަނީ ފިރިހެން ޑިވިޝަންގެ ފަސް މެޗެއް ކުޅެފައެވެ.
ރޭ ކުޅުނު ފުރަތަމަ މެޗުގައި ކްލަބު އެސްޑީޒެޑާއި ޓީމް އެޗްއެފްސީ ވާދަކުރި މެޗު، އެޗްއެފްސީން ކާމިޔާބުކުރީ 6-0ގެ ނަތީޖާއަކުންނެވެ. އަދި ރޭގެ ދެވަނަ މެޗުގައި މެޖެސްޓާ ކަޓުވާލައި އެފްސީ ވަަކަރުގެ ދެވަނަ ބުރަށް ދިޔައީ 5-3ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ރޭގެ ތިންވަނަ މެޗުގައި އެސްއީއެސް އެފްސީން ޔަންގް ސްޓާސްގެ މައްޗަށް ކުރި ހޯދީ 6-2ގެ ނަތީޖާއަކުންނެވެ. އަދި ގެމަނަ ލޭންޑް ކަޓުވަައިލައި ޕްރޯ ފްރެންޑް ދެވަނަ ބުރަށް ދަތުރުކުރީ 6-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ރޭ ކުޅުނު ފަހު މެޗުގައި މައްޗަންގޮޅި ޒުވާނުންގެ ގުޅުމުން ޓީމް އާރްއާރްސީ ބަލިކުރީ 12-0ގެ ނަތީޖާއަކުންނެވެ.
މެޗުގައި މައްޗަންގޮޅި ޒުވާނުންގެ ގުޅުމުގެ މުހައްމަދު ޔަފާއު ވަނީ ފަސް ގޯލް ޖަހައިފައެވެ.
ރޭ ކުޅުމަށް ތާވަލުކުރި އަންހެން ޑިވިޝަންގެ މެޗު، އެފްސީ ރަނިން ދޫކޮށްލުމުން ޕްރިޒަން ކްލަބު، 2-0ގެ ނަތީޖާއަކުން މޮޅުވީ ކަމަށް ވަނީ ނިންމައިފައެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ބައިގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ބައިގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދޭނެއެވެ.
ޔޫތު ސިޓީ ފުޓްސަލް ކަޕްގައި މިރޭ އޮންނާނެ މެޗުތައް:
20:00 ބެންޗް އެސްސީ - މެޓާކާ (ގަރައުންޑް 1)
20:00 ޓީމު އިންވިކްޓޯ - ވިންޑްލޭންޑް (ގްރައުންޑް 2)
21:00 ނިއު ލައިފް - ތިނަދޫ ފުޓްސަލް ޓީމު (ގްރައުންޑް 1)
21:00 ޓީމު ފިނޭ - އެފްސީ ދާއެޅުން (ގްރައުންޑް 2)
22:00 ލުސިޓާނިއާ އެފްސީ - ބަލިވީ ކެޓީ (ގްރައުންޑް 1)
22:00 ސްޕޯޓިން އޭޒިއޯން - ވަޅޯ މަސް (ގްރައުންޑް 2)