އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ކުޅުނު ދެވަނަ މެޗުވެސް އއ. މާޅޮހުން ކާމިޔާބުކުރި އިރު، ތ. ތިމަރަފުށިން އެންމެފަހުގެ ޗެމްޕިއަން ކުޑަހުވަދޫ ބަލިކޮށްފިއެވެ.

މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ ގްރޫޕް ދޭއްގައި އިއްޔެ ކުޅުނު މެޗުގައި މާޅޮހުން އދ. ފެންފުށި ބަލިކުރީ 6-0ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ދޭއްގެ މެޗުތައް ކުރިއަށްދާ ރަށް، ށ. ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ހަސަން ފުއާދު ހެޓްރިކް ހަދައިފައިވާ އިރު، މުހައްމަދު ޖައިލަމް އަދި އަހުމަދު ވަޖީހުވެސް ވަނީ މާޅޮހަށް ގޯލް ޖަހައިދީފައެވެ. މާޅޮސް ޖެހި ހަ ވަނަ ގޯލަކީ ފެންފުށި ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް މާޅޮހުން ސެމީގެ އުންމީދު ބޮޑުކޮށްފައިވާ އިރު، ފެންފުށިން މިހާތަނަށް ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.

ފ. މިލަންދޫގައި ކުރިއަށްދާ ގްރޫޕް އެކެއްގައި އިއްޔެ ވާދަކުރީ އެންމެފަހުގެ ޗެމްޕިއަން ކުޑަހުވަދުއާއި ތިމަރަފުއްޓެވެ.

އެ މެޗަށް ނުކުތް އިރު، ތިމަރަފުށި އޮތީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނިލަންދޫ އަތުން ބަލިވެފައެވެ. ކުޑަހުވަދޫން އިއްޔެގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ގދ. ހޯނޑެއްދޫ ބަލިކޮށް، ހޯދި ތިން ޕޮއިންޓާއެކުގައެވެ.

އިއްޔެގެ މެޗުގެ 20 ވަނަ މިނެޓުގައި ތިމަރަފުށީގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ކައުސޭ ޖިއަން ފްރާންކޮއިސްއެވެ.

ގްރޫޕް އެކެއްގައި ތިމަރަފުއްޓާއި ކުޑަހުވަދޫ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ފ. ނިލަންދުއާއި، ތ. ތިމަރަފުއްޓާއި، ދ. ކުޑަހުވަދުއާއި، ގދ. ހޯނޑެއްދޫ އަދި ސ. ހިތަދުއެވެ. ގްރޫޕް އެކެއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނިލަންދޫގައެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ށ. ފޯކައިދުއާއި، އދ. ފެންފުއްޓާއި، އއ. މާޅޮހާއި، ހއ. މުރައިދޫ އަދި ބ. ފެހެންދޫއެވެ. ގްރޫޕް ދޭއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫގައެވެ.

ދެ ގްރޫޕުގެ މެޗުތަކަށްފަހު ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީގައި ގްރޫޕް އެކެއްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ގްރޫޕް ދޭއްގެ ދެވަނަ ހޯދާ ޓީމު ނުކުންނަން ޖެހޭ އިރު، ގްރޫޕް ދޭއްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ނުކުންނަން ޖެހޭނީ ގްރޫޕް އެކެއްގެ ދެވަނަ ހޯދާ ޓީމެވެ. ސެމީން ޖާގަ ހޯދާ ހަތަރު ޓީމަށްވެސް މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ދެ މެޗު މިއަދުވެސް އޮންނާނެއެވެ. ނިލަންދޫގައި އޮންނަ ގްރޫޕް އެކެއްގެ މެޗުގައި ހޯނޑެއްދޫ ނުކުންނާނީ ހިތަދުއާ ދެކޮޅަށެވެ. ފޯކައިދޫގައި އޮންނަ ގްރޫޕް ދޭއްގެ މެޗުގައި ހއ. މުރައިދޫ ނުކުންނަނީ ބ. ފެހެންދުއާ ދެކޮަޅަށެވެ.