އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބެންގަލޫރު އެފްސީ މިއަދު ނުކުންނަ އިރު، ނިއުގެ ފެންވަރު ވަރަށް ރަނގަޅަށް އެނގޭ ކަމަށް ބެންގަލޫރު އެފްސީގެ ގޯލްކީޕިން ކޯޗު އެޑޫ ގޭސޯލް ބުނެފިއެވެ.

އިއްޔެ ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން ގޭސޯލް ބުނީ ނިއު ރަނގަޅަށް އެނގޭ ކަމަށާއި، ހާއްސަކޮށް ނިއުގެ ކޯޗު އޮސްކާ ބްރުޒޮންގެ މަސައްކަތްތައް ރަނގަޅަށް އެނގޭ ކަމަށެވެ.

"މެޗަށް ތައްޔާރު. އެނގޭ ވަރަށް އުނދަގޫ މެޗަކަށް ކަން ވާނީ. ހޯމްގައި ނިއުގެ ފެންވަރު އެނގޭ. ނިއުގެ ސްޕެއިން ކޯޗު ވަރަށް ރަނގަޅަށް އެނގޭ. ވަރަށް ރަނގަޅު މަސައްކަތެއް ކުރަމުން އެ އަންނަނީ،" އޭނާ ބުންޏެވެ.

ގޭސޯލް ބުނީ މިއަދުގެ މެޗަކީ ކޮލިފިކޭޝަނަށް މުހިންމު މެޗެއް ކަމަށާއި، ނިއުއަށް ހޯމްގައި ފައިދާތަކެއް ނެގޭނެ ކަމަށެވެ.

"އަމިއްލަ ދަނޑުގައި ކުޅޭ އިރު ނިއުއަށް ފައިދާތަކެއް އޮންނާނެ. ސަޕޯޓަރުންނާއެކު ހުރިހާ ގޮތަކުންވެސް ފައިދާތަކެއް އޮންނާނެ. އެކަމަކު ބެންގަލޫރު ނުކުންނާނީ އެ ހުރިހާ ކަމެއް ދަނެގެން. އިންޑިއާގައި ކުޅުނު މެޗަށްވުރެ ބުރަކޮށް މަސައްކަތް ކުރާނެ،" އޭނާ ބުންޏެވެ.

މެޗަށް ނުކުންނަ އިރު، އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ބެންގަލޫރެވެ. ދެވަނައިގައި އޮތް ނިއުއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ނިއު ބަލިވެފައިވަނީ ހަމައެކަނި ބެންގަލޫރާ ދެކޮޅަށް އިންޑިއާގައި ކުޅުނު މެޗުންނެވެ. އެ މެޗުން ނިއު ބަލިވީ ބެންގަލޫރުން ފަހު ވަގުތު ޖެހި ގޯލުންނެވެ.

ބެންގަލޫރު އޭއެފްސީ މެޗާ ކުރިމަތިލަނީ މިދިޔަ ހަފްތާ ތެރޭގައި އިންޑިއާ ފުޓުބޯޅަ ސީޒަންގެ އެންމެ ފަހު މުބާރާތް، ހީރޯ ސުޕަކަޕް އުފުލާލުމަށް ފަހުގައެވެ. ބެންގަލޫރު އެފްސީއަށް ލޯކަލް ސީޒަން ނިމިފައިވާ އިރު، މިއަދުގެ މެޗުގައި އެޓީމުގެ ވަރުގަދަ 11 އެއް ފެނުން ގާތެވެ. ހާއްސަކޮށް ފުރަތަމަ 11ގައި ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ފެނުން ގާތެވެ.

މިއަދުގެ މެޗަށް ބެންގަލޫރުން ކޭމްޕްކުރީ ކ. ތުލުސްދޫގައެވެ. އާންމުކޮށް އޭއެފްސީ ކަޕް މެޗުތަކަށް އަންނަ ޓީމު މާލޭން ބޭރުގައި ކޭމްޕް ކުރާތަން ނުފެންނަ އިރު، ބެންގަލޫރުން ގައުމީ ދަނޑުގައި މިފަހަރު ފަރިތަކޮށްފައެއްވެސް ނުވެއެވެ.

އެކަމާ ގުޅޭގޮތުން ބެންގަލޫރު އެފްސީގެ އޮފިޝަލަކު ބުނީ ޓީމު އަންނަނީ ހުރިހާ ގޮތަކަށްވެސް ތައްޔާރުވަމުން ކަމަށާއި، ގަލޮޅު ދަނޑުގައި ފަރިތަކުރަން ލިބޭ ފުރުސަތު ދޫކޮށްލީ ރާއްޖޭގެ ދަނޑާއި މާހައުލު ރަނގަޅަށް އެނގޭތީ ކަމަށެވެ.

މިއަދުގެ މެޗަކީ ބެންގަލޫރު އެފްސީއާއި ދިވެހި ޓީމެއް ކުރިމަތިލާ ހަ ވަނަ މެޗެވެ. މީގެ ކުރިން ދިވެހި ޓީމުތަކާ ދެކޮޅަށް ބެންގަލޫރު އެފްސީ ކުޅުނު ފަސް މެޗުވެސް އެޓީމު ވަނީ ކާމިޔާބުކޮށްފައެވެ.

ބެންގަލޫރު އެފްސީއާއި ނިއު ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.