ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މިސްރުގެ ފޯވަޑް މުހައްމަދު ސަލާހުގެ މޮޅު ކުޅުމާއެކު ލިވަޕޫލުން ރޯމާ ބަލިކޮށްފިއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގު ލިވަޕޫލުން ކާމިޔާބުކުރީ 5-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ސަލާހް ވަނީ ދެ ގޯލް ޖަހައި، ދެ އެސިސްޓް ހަދައިފައެވެ. މީގެ އިތުރުން ބްރެޒިލްގެ ފޯވަޑް ރޮބާޓޯ ފިރްމީނޯ ވެސް ވަނީ ދެ ގޯލް ޖަހައި، ދެ އެސިސްޓް ހަދައިފައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ރޯމާއިން މެޗު ކޮންޓްރޯލް ކުރިއެވެ. އަދި ހާއްސަކޮށް އެލެގްޒެންޑްރާ ކޮލަރޯވްގެ ބާރު ހަމަލާ ފާހަގަކޮށްލެވުނެވެ. އެ ހަމަލާ ގޯލާ ދިމާއަށް ދިޔަ ނަމަވެސް ލިވަޕޫލް ކީޕަރު ކޭރިއަސް އަތުގައި ޖެހިފައި ބޯޅަ ޖެހުނީ ގޯލްގެ ހުރަސް ދަނޑީގައެވެ. އޭގެ ފަހުން ފުރަތަމަ ހާފްގައި ލިވަޕޫލްގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނިގެންދިޔައެވެ. އެގޮތުން ސަޑިއޯ މާނޭއަށް ލިބުނު ހުސް ދެ ފުރުސަތެއް ފާހަގަކޮށްލެވުނެވެ.

ލިވަޕޫލާއި ރޯމާ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގައި ރޮމާގެ ޑިފެންސް ލައިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ޑިފެންސް ކުރަމުން ދިއުމުގެ ބޭނުން ހިފައި ލިވަޕޫލްގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ހަލުވި ދުވުމުގެ ބޭނުން ކޮށްފައެވެ.

މެޗުގެ ފުރަތަމަ ގޯލް ސަލާހް ކާމިޔާބުކުރީ 35 ވަނަ މިނެޓުގައެވެ. ފިރްމީނޯގެ ޕާސް ސަލާހް ނިންމާލީ ރޯމާގެ ގޯލްގެ މަތީ ކަނަށެވެ. ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ސަލާހްގެ ދެވަނަ ގޯލާއެކު ލީޑު ފުޅާކުރިއެވެ. ފިރްމީނޯގެ ޕާހަށް ރޯމާގެ އޭރިއާ ތެރެއަށް ވަދެ ސަލާހް އެ ގޯލް ޖެހީ ކީޕަރު ބޯ މަތިން މަޑުމަޑުން ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ ލިވަޕޫލުންނެވެ. މެޗުގެ 61 ސަލާހް ތަނަވަސްކޮށްދިން ބޯޅާއެކު މަނޭ ލިވަޕޫލްގެ ލީޑު 3-0ގެ ނަތީޖާއަކަށް ބަދަލުކޮށްލައިފައިވާ އިރު، 61 ވަނަ މިނެޓުގައި ސަލާހް ވަނީ އަނެއްކާވެސް ރޯމާގެ ޑިފެންސް ފޫއަޅުވާލާ ފިރްމީނޯއަށް ހުސް ފުރުސަތެއް ތަނަވަސްކޮށްދީފައެވެ. ފިރްމީނޯ އެ ބޯޅަ ފަސޭހަކަމާއެކު ގޯލަށް ފޮނުވާލައިގެން ލިވަޕޫލަށް ހަތަރު ލަނޑުގެ ލީޑެއް ހޯދައިދިނެވެ.

ފިރްމީނޯގެ ފުރަތަމަ ގޯލަށް 10 މިނެޓްވެސް ނުވަނީސް ޖޭމްސް މިލްނާގެ ކޯނަރުގެ ބޭނުން ހިފައި ލިވަޕޫލް އެޓީމުގެ ފަސްވަނަ ގޯލް ކާމިޔާބުކުރިއެވެ. މިލްނާ ނެގި ކޯނަރު ބޮލުން ގޯލަށް ފޮނުވާލީ ފިރްމީނޯއެވެ.

ލިވަޕޫލާއި ރޯމާ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފަހު 15 މިނެޓުގައި ސަލާހް ބާލާފައިވާ އިރު، އެ 15 މިނެޓުގައި ރޯމާ ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. އެގޮތުން އެޑިން ޒެކޯއާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑިއޭގޯ ޕެރޯޓީގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.

މެޗުގެ 81 ވަނަ މިނެޓުގައި ޒެކޯގެ ގޯލާއެކު ރޯމާއިން ކުޅުން ވަރުގަދަކޮށްފައިވާ އިރު، 85 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުން ޕެރޯޓީ ވަނީ ރޯމާގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ލިވަޕޫލްގެ އޮކްސްލޭޑް ޗަމްބަލޭންއަށް އަނިޔާ ވުމުން އޭނާ ބާލައިފައިވާ އިރު، ސަލާހް އޭނާގެ ކުރީގެ ކްލަބު ރޯމާ ކޮޅަށް ޖެހި ދެވަނަ ގޯލަކީ ސީޒަންގައި އޭނާ ޖެހި 43 ވަނަ ގޯލެވެ.

ބަޔާން މިއުނިކާއި ރެއާލް މެޑްރިޑް ބައްދަލުކުރާ ސެމީގެ ފުރަތަމަ ލެގު މެޗު މިރޭ ކުޅޭނެއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބަޔާންގެ ދަނޑުގައެވެ. ލިވަޕޫލާއި ރޯމާ ވާދަކުރާ ދެވަނަ ލެގު އޮންނާނީ އަންނަ މަހު ދެވަނަ ދުވަހުގެ ރޭ ރޯމާ ދަނޑުގައެވެ.