01 Sep 2011, 09:28
ދަވްޙާ (ސެޕްޓެމްބަރ 1) : ރަތްކަނޑުގައި އީރާނާއި އިސްރާއީލުގެ ހަނގުރާމައިގެ މަނަވަރުތަކެއް ޙަރަކާތްތެރިވަމުންދާ ކަމަށް އެދެޤައުމުން ބުނެފިއެވެ. އިސްރާއީލުގެ ޢަސްކަރީ މަސްއޫލުވެރިއަކު ވިދާޅުވީ ރަތްކަނޑުގައި އިސްރާއީލުގެ ހަނގުރާމަމަތީ ދެމަނަވަރު މިހާރު ޙަރަކާތްތެރިވަމުން ދާކަމަށާއި މިއީ އާދައިގެ ކަމެއް ކަމަށާއި މީގެކުރިންވެސް އިސްރާއީލުގެ މަނަވަރުތައް އެކަނޑުގައި ޙަރަކާތްތެރިވެފައިވާ ކަމުގައެވެ.
އިސްރާއީލުން މިހެންބުނެފައިވަނީ މިސްރާއި އިސްރާއީލުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި ޢަސްކަރީ ބާރުވަރުގަދަ ކުރަމުން ގެންދާކަން އިސްރާއީލުގެ ދާޚިލީ ވަޒީރު ހާމަކުރައްވާފައިވަނިކޮށެވެ.
އީރާނުންވެސްވަނީ ރަތްކަނޑުގައި އެޤައުމުގެ ސަބްމެރިންއަކާއި ހަނގުރާމަމަތީ ދެމަނަވަރު ހަރަކާތްތެރިވަމުންދާކަން ހާމަކޮށްފައެވެ. އީރާނުގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ހަބީބުﷲ ސިޔާރީ ވިދާޅުވީ މިއީ ދުނިޔޭގެ މާކަނޑުތަކަށް އީރާނުގެ ކަނޑުގެ ބާރުތައް ނުކުތުމަށް ޓަކައި ހަދަމުންގެންދާ ތަމްރީންތަކުގެ ބައެއް ކަމަށާއި މިކަމުގެ އެއްބޭނުމަކީ ކަނޑުފޭރޭ މީހުންގެ ކިބަިއން އީރާނުގެ އާގުބޯޓުތައް ސަލާމަތް ކުރަންޖެހިއްޖެ ޙާލަތްތަކުގައި އެކަން ކުރުމުގެ ތަމްރީން ހޯދުން ކަމުގައެވެ.
މިދިޔަ މޭމަހުވެސް ރަތްކަނޑުގައި ޢަސްކަރީ ތަމްރީންތަކެއް ކުރިޔަށް ގެންދިޔަކަން އީރާނުން ހާމަކޮށްފައިވެއެވެ. އަދި ދުނިޔޭގެ މާކަނޑުތަކުގައި ޙަރަކާތްތެރިވުމަށްޓަކައި ޢަސްކަރީ ބޮޑެތި މަނަވަރުތަކެއް ބަނުމުގެ މަސައްކަތް ކުރިއަށް ގެންދާކަންވެސް އީރާނުން ހާމަކޮށްފައިވެއެވެ.
އިސްރާއީލަކީ ޢަސްކަރީ އަދި ދިފާޢީ ކަންކަމުގައި ހުޅަނގަށާ ޚާއްސަކޮށް އެމެރިކާއަށް ބަރޯސާކުރާ ޤައުމެކެވެ. އީރާނަކީ ޢަސްކަރީ އަދި ދިފާޢީ ކަންކަމުގައި އަމިއްލަ ނަފްސަށް ޢިޢްތިމާދުކުރާ އަދި އިސްރާއީލާއި އެމެރިކާގެ ބިރުދެއްކުންތަކާ ކުރިމަތިލާންޖެހިފައިވާ ޤައުމެކެވެ. (އަލްޖަޒީރާ)