ރާއްޖޭގައި ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ އުމްރާނީ ތަރައްގީއާއި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާއި، މިއީ ރާއްޖޭގެ ރައީސް ކުރައްވާ ވަރަށް ރަނގަޅު ކަމެއް ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ)ގެ ރައީސް ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިފޮޕްކާގެ ރައީސް ދަތުކް މެތިއު ޓީގެ ޝަރަފުގައި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން ރޭ ވަނީ ޚާއްސަ ޖާފަތެއް ބާއްވައިފައެވެ.

އެ ޖާފަތުގައި ވާހަކަ ދައްކަވަމުން އިފޮޕްކާގެ ރައީސް މެތިއު ޓީ ވިދާޅުވީ އިމާރާތްކުރުމުގެ ދާއިރާއަކީ ކޮންމެ އިގްތިސާދެއްގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށެވެ.

"ދެހާސް އަށްވަނަ އަހަރު ދުނިޔެއަށް ދިމާވި އިގްތިސާދީ ދަތިކަމުގެ ތެރެއިން، އެ ހާލަތުން އަރައިގަތުމަށް ގައުމުތަކުން އެޅި ފިޔަވަޅަކީ އިމާރާތްކުރުމުގެ ދާއިރާގެ ކުދި އަދި ބޮޑެތި މަޝްރޫއުތައް ހިންގަން ފެށުން. އެމެރިކާ، ޗައިނާ އަދި މެލޭޝިއާއިންވެސް އެޅި ފިޔަވަޅަކީ މިއީ. އިމާރާތްކުރުމުގެ ދާއިރާއަކީ ތަފާތު 140 ދާއިރާތަކަކަށް އަސަރުކުރުވާ މާސިންގާ ދާއިރާއެއް،" އޭނާ ވިދާޅުވިއެވެ.

އިފޮޕްކާގެ ރައީސް ވިދާޅުވީ އެ މޭރުމުން ބަލާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވަނީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

"ރާއްޖޭގެ ރައީސް ކުރައްވަމުން ގެންދަވަނީ ވަރަށް ހެޔޮ ކަމެއް. ރާއްޖޭގައި ބަލައިލި ކޮންމެ ދިމާލަކުން ފެންނަމުން ދަނީ ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ކުރިއަށްދާ މަންޒަރު. ރާއްޖޭގެ އެއާޕޯޓަށް ޖެއްސި ވަގުތުވެސް ފެނިގެން ދަނީ ބްރިޖެއް އަޅަމުންދާ މަންޒަރު،" އިފޮޕްކާގެ ރައީސް މެތިއު ޓީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި މެލޭޝިއާގެ ގިނަ ކުންފުނިތަކަކުން ރާއްޖޭގައި ހަރަކާތްތެރިވާ މަންޒަރު ފެނިފައިވާ ކަމަށެވެ. އެގޮތުން މެލޭޝިއާގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ އިތުރުން ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލްގެ ހިންގުމުގެ ކަންކަން މެލޭޝިއާގެ ސައިމް ޑާބީ ހިއްސާވާ ކުންފުންޏަކުން ކުރަމުންދާ ކަނާއި، މެލޭޝިއާގެ ބައެއް ރެސްޓޯރަންޓް ޗެއިންތައް ރާއްޖޭގައި އޮޕަރޭޓުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.