ވޮޝިންގޓަން (ސެޕްޓެމްބަރ 01) : ޗައިނާގެ ޢަސްކަރީ ބާރުތައް ތަރައްޤީކުރަމުން ގެންދާ މިންވަރާމެދު ކަންބޮޑުވާކަން އަނެއްކާވެސް އެެމެރިކާ ހާމަކޮށްފިއެވެ. އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓަގަންގެ އިސްމަސްއޫލުވެރިއެއް ކަމަށްވާ މައިކަލް ޝިވަރ އާ ޙަވާލާދީ ނިޔުޔޯކް ޓައިމްސް ބުނިގޮތުގައި ޗައިނާގެ ޢަސްކަރީ ބާރާމެދު އެމެރިކާ ކަންބޮޑުވަނީ ޗައިނާއިން ދުރުރާސްތާގެ މިސައިލާއި ވައިގެ ބާރުތަކާއި ކަނޑުގެ ބާރުތައް ތަރައްޤީކުރަމުންގެންދާލެއް އަވަސްކަމުންނެވެ.

ޗައިނާގެ ސިފައިންގެ ޒަމާނީކުރުމުގެ މަސައްކަތާއި އިލެކްޓޯނިކް ހަނގުރާމައަށް ޗައިނާ ސިފައިން އަހުލުވެރިކުރުވުމަށް ޗައިނާ ކުރާ ކާމިޔާބު މަސައްކަތަކީ ކަންބޮޑުވާންޖެހޭ އަދި ޕެސިފިކް ކަނޑުގައި "ހަމަނުޖެހުން" އުފައްދަފާނެ ކަމެއްކަމަށް އެމެރިކާ ދެކޭ ކަމަށްވެސް މައިކަލް ޝިވަރ ވިދާޅުވެފައިވެ އެވެ.

2011 ވަނަ އަހަރު ޗައިނާގެ ޢަސްކަރީ ބާރަށް އަންނާނެ ބަދަލުތަކާބެހޭގޮތުން ޕެންޓަގަންއިން ނެރެފައިވާ ރިޕޯޓް ބުނާގޮތުން ދުނިޔޭގެ އެންމެ ބިޔަ ލަޝްކަރު އޮތީ ޗައިނާގައެވެ. ޗައިނާގެ ލަޝްކަރުގެ ޢަދަދަކީ 1.25 މިލިޔަން ސިފައިން ކަމާއި ޗައިނާގެ ޢަސްކަރީ ޢަޤީދާ ބިނާކޮށްފައިވަނީ ޓެކްނޮލޮޖީގެ ގޮތުން އެންމެ މަތީފަޑީގައި ހިފުމާއި އިލެކްޓްރޯނިކް ހަނގުރާމައިގެ ފަންނުތަކުގައި ފްރޮފެޝަނަލް ފަވްޖަކަށްވުން ކަމަށް މިރިޕޯޓްގައި އެމެރިކާގެ ތަޖްރިބާކާރުން ބުނެފައިވެއެވެ. މިކަމަށް ޚާއްސަ ކޮށްގެން ގިނަ ޢަދަދެއްގެ ސެޓަލައިޓްތައް ޗައިނާ ޖައްވަށް ފޮނުވަމުންދާކަންވެސް ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ކައިރި މުސްތަޤްބަލަށް ބަލާއިރު ޗައިނާގެ ލަނޑުދަނޑިއަކީ ޓައިވާން ހިފައި ޗައިނާގެ ބާރުގެ ދަށަށް ގެންދިޔުން ކަމަށާ ޓައިވާން ފަތަޙަ ކުރުމަށް ޗައިނާ ބިނާކުރާ ވަރަށް ޚާއްސަ ލަޝްކަރެއް 2020 ވަނަ އަހަރުގެ ކުރިން ވުޖޫދަށް ގެނައުމަށް ޗައިނާ މަސައްކަތްކުރަމުން ގެންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ޗައިނާގެ ޢަސްކަރީ ސިނާއަތަށް ބަލާލަމުން އެމެރިކާގެ ރިޕޯޓް ބުނަނީ ސްޓެލްތް ޓެކްނޮލޮޖީގެ ރާޑަރަށްރާނާ ވައްތަރުގެ ޢަސްކަރީ މަތިންދާބޯޓުވެސް އެމެރިކާއެކޭ އެއްފެންވަރަށް ޗައިނާ ތަރައްޤީ ކޮށްފި ކަމަށާއި ޖޭ-20 ގެ ނަމުން ނަންދީފައިވާ ޗައިނާގެ ސްޓެލްތް ބޯޓު މިދިޔަ ޖަނަވަރީ މަހު ޗައިނާއިން ތަޖްރިބާކޮށްފައިވާ ކަމުގައެވެ.
މީގެއިތުރުން މަތިންދާބޯޓު އުފުލާ މަނަވަރުތައް ބިނާކުރުމުގެ މަސައްކަތްވެސް އަމިއްލަ ޓެކްނޮލޮޖީގައި ޗައިނާ ވަރަށް ބާރަށް ކުރިޔަށް ގެންދާ ކަމަށް ބުނެފައިވެއެވެ. (ނިޔުޔޯކް ޓައިމްސް)