އޭއެފްސީ ކަޕްގައި މާދަމާ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ނުކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކަމަށް ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފިއެވެ.

އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެއްވަނައިގައި ބެންގަލޫރު އޮތް އިރު، ދެވަނައިގައި އޮތް ނިއުއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ނިއު ބަލިވެފައިވަނީ ހަމައެކަނި ބެންގަލޫރާ ދެކޮޅަށް އިންޑިއާގައި ކުޅުނު މެޗުންނެވެ. އެ މެޗުން ނިއު ބަލިވީ ބެންގަލޫރުން ފަހު ވަގުތު ޖެހި ލަނޑުންނެވެ. މާދަމާ ހަވީރު ބެންގަލޫރާ ދެކޮޅަށް ނިއުއިން ނުކުންނާނީ މާލޭގައެވެ.

"މިމެޗަކީ ފައިނަލެއް. މިއީ އޭޝިއާގެ އެންމެ ވަރުގަދަ ދެ ޓީމުގެ ކުރިމަތިލުމެއް. ބެންގަލޫރުން އެދަނީ ކޮންމެ އަހަރެއްގައި އޭއެފްސީ ކަޕްގައި ވާދަކުރަމުން. މިމުބާރާތުގައި ނިއު ރޭޑިއަންޓް ވެސް ތާރީހެއް އެބައޮތް. ފަސް އަހަރަށް ފަހު، ރަނގަޅު ހިސާބަކަށް ދިއުމަށް އަނެއްކާވެސް ފުރުސަތެއް އެބައޮތް. އަހަރެމެންގެ ވިސްނުމުގައި ބަހައްޓަންވީ އެކަން ވާނެ ކަމަށް،" މެޗުގެ ކުރިން މިއަދު މެންދުރު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އޮސްކާ ބުންޏެވެ.

ނިއުގެ ކޯޗު ބުނީ އޭޝިއާގެ ވާދަވެރި ދެ ޓީމު ކުޅޭ މެޗަށް ތައްޔާރު ކަމަށާއި، ނަތީޖާ ނެރެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. އަދި މާދަމާގެ މެޗުގައި ނިއުއިން އެންމެ ބޮޑަށް އިސްކަންދޭނީ ނަތީޖާ ނެރެން ކަމަށްވެސް އޭނާ ބުންޏެވެ.

"މިއީ ރީތި ފުޓްބޯޅައެއް ކުޅެންވީ ވަގުތެއް ނޫން. މިހާރު އަހަރެމެން ވިސްނަންވީ މާދަމާގެ މެޗުގައި ވަރަށް ދިގު 90 މިނެޓަށް ވާނެކަން. ފަހު މެޗުގައި އަހަރެމެން ޖެހޭނީ ތިން ޕޮއިންޓް ހޯދަން. އެންމެ ފަހުން ކުޅުނު މާލޭ ލީގު މެޗުގައި ވިކްޓަރީ އަތުން ބަލިވުމުން ޕްރެޝަރެއް ނެތް. މާލޭ ލީގާއި އޭއެފްސީ ކަޕަކީ މުޅިން ތަފާތު ދެ މުބާރާތް. ނިއު ރޭޑިއަންޓް އޮތީ ބޮޑު ކަމެއް ހާސިލްކުރުމަށް ތައްޔާރަށް،" އޭނާ ބުންޏެވެ.

އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ދިއުމަށްޓަކައި މާދަމާގެ މެޗަކީ ނިއުއަށް ވަރަށް މުހިންމު މެޗެކެވެ. ގްރޫޕުގެ އެއްވަނަ ހޯދައި، ދެވަނަ ބުރުން ޖާގައެއް ހޯދުމަށް މާދަމާގެ މެޗުގައި ނިއުއަށް ތިން ޕޮއިންޓް މުހިންމެވެ.