31 Aug 2011, 23:25
މާފަންނު ގެއެއްގައި ދިރިއުޅެމުން ދިޔަ ބިދޭސީންތަކަކަށް ބިރު ދައްކައި އެމީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރެމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ ސިފައިންގެ ދެ މީހަކާ އެކު އެކަމުގައި ބައިވެރިވި ކަމަށް ބެލެވޭ ތިން ވަނަ މީހާ ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބިދޭސީން އުޅޭ ގެއަކަށް ވަދެ ފޭރެން އުޅުނު މީހުންގެ ތެރެއިން ފިލައިގެން ދިޔަ ކަމަށް ބުނާ ތިން ވަނަ މީހާ ހައްޔަރުކޮށް، މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ. ފޭރެން އުޅުނު ތިން ވަނަ މީހާއަކީ ވެސް ސިފައިންގެ މީހެއް ކަމަށް އަޑުފެތުރިފައިވީ ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ، އޭނާއާ ސުވާލުކޮށް މައްސަލަ ދަނީ އިތުރަށް ބަލަމުން އަންނަ ކަމަށާއި މިވަގުތު އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
ބިދޭސީން އަތުން ފައިސާ ފޭރުނުކަމުގެ ތުހުމަތުގައި ކުރިން ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު، އާރާމުގެ، ލާންސް ކޯޕްރަލް އަލީ އިބްރާހީމް،26، އާއި ލ. މުންޑޫ، ފިނިފެންމާގެ، ޕްރައިވެޓް ހުސައިން މާހިރު،23، އެވެ. އެދެމީހުންނާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް )އެމްއެންޑީއެފް( އިން ވަނީ ބުނެފަ އެވެ.
"މި ދެ މީހުން ހިންގާފައިވާ މި ހަރަކާތުގެ ސަބަބުން ގާނޫނީ ގޮތުން މިކަމުގައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޕޮލިހާ ގުޅިގެން މިދަނީ މަސައްކަތްކުރަމުންނެވެ." އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފަރީދީމަގުގައި ހުންނަ ޕިންކްރޯސް ގޭގައި ކުއްޔަށް ހިފައިގެން އުޅޭ ބަންގްލަދޭޝްގެ ބިދޭސީންތަކެއް އަތުން އެކިފަހަރުމަތިން އެމީހުން ފައިސާ ފޭރިފައިވާ ކަމަށްވެ އެވެ. އެގޮތުން މި ރޯދަ މަސް ފެށުނު ފަހުން ސިފައިންގެ ތިން މީހުން އެކި ފަހަރު މަތިން އެގެއަށް ވަދެ 30000ރ. އަށް ވުރެ ގިނައިން ވަނީ ފޭރިފައި ކަމަށް އެ ބިދޭސީން ބުނެފައިވެ އެވެ.
ސިފައިންގެ ދެމީހުން ހޯމަ ދުވަހުގެ ރޭ އަތުލާގަތް އިރު އެމީހުންގެ އަތުން ވަނީ ފޭރުނު ކަމަށް ބެލެވޭ ފައިސާ ފެނިފައި ކަމަށް ފުލުހުން ބުނެ އެވެ.