24 Apr 2018, 14:40
އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި ހާދިސާގައި މޫދަށް އެރި އުޅުނު ތިން ކުދިންގެ ތެރެއިން، ބޮޑެތި ރާޅުތަކުގެ ތެރެއަށް ގެނބިގެންދަނިކޮށް، އެއް ކުއްޖަކު ސަލާމަތްކޮށްދިން ހިތަދޫ، ބޭރުމަތި އަވަށު، ބުލޫ ރޯޒް ހަސަން ދީދީގެ އަގު ވަޒަން ކޮށްފި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން ފުއްޓަރު ފަރާތު މޫދަށް އެރި އުޅެނިކޮށް ނެގި ބިޔަރާޅުތަކާ އެކު އޮޔާ ގެންދަނިކޮށް އަލީ ރާއިފު،17، ސަމާމަތްކޮށްފައި ވަނީ ހަސަން އެވެ.
އެ ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ، ހިތަދޫ ޗަނބޭލީގެ އުމުރުން 17 އަހަރުގެ އަލީ ފަހުމީ އާއި އެ ރަށު ޓޮޕާޒް، އުމުރުން 14 އަހަރުގެ މަޔާމިން އަލީ އެވެ. އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ އިރު، އެމީހުންގެ ތެރެއިން ފަހުމީ ލައިގެން ހުރި ސޯޓް ފިޔަވައި އިތުރު އެއްޗެއް އަދި ފެނިފައެއް ނުވެ އެވެ.
ހަސަންގެ އަގު ވަޒަންކުރުމަށް މިއަދު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކައުންސިލުގެ ފަރާތުން ވަނީ ހަސަން އަށް ހަނދާނީ ލިޔުމެއް އަރުވައިފަ އެވެ. އެ ލިޔުން އޭނާއާ ހަވާލުކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
އެ ދުވަހުގެ ނާޒުކު އެ ދަނޑިވަޅުގައި ހަސަން ދެއްކި އާދަޔާ ހިލާފު ހިތްވަރަށް އެތައް ބަޔަކު އޭނާއަށް ތައުރީފު ކުރަމުންދާ އިރު، ހަސަންއާ ހަވާލާދީ އޭނާގެ އާއިލާގެ މީހުން ބުނާ ގޮތުން، ހަސަން އެ ދުވަހު އަދާކުރީ ފަރުދީ ޒިންމާއެކެވެ.
ހަސަން އަކީ ކަންފަތަށް އަޑު ނީވޭ، އަދި ވާހަކަ ނުދެއްކޭ މީހެކެވެ. ހާދިސާ ހިނގި ދުވަހު ނަސީބު ކަން ދިމާކުރި ގޮތުން ހަސަން އަށް ވެސް ހުރެވުނީ ގޮނޑުދޮށުގަ އެވެ.
ހާދިސާގައި ހަސަން އަށް ރާއިފު ސަލާމަތް ކުރެވުނީ، އޮއިގަނޑެއްގައި ޖެހި ރާއިފް ބޭރަށް ދަމައިގަތުމުން އެހީއަށް އެދި އޭނާ އަތުން އިޝާރާތްކުރާތަން ފެނިގެންނެވެ. ނަމަވެސް ރާއިފު ސަލާމަތްކުރުމަށް ފަހު، އޭނާއާ އެކު މޫދަށް އެރުނު ދެ ކުދިން ސަލާމަތްކުރަން ބަލައިލި އިރު އެ ކުދިން ހަސަން އަކަށް ފެންނާކަށް ނެތެވެ.