އަތޮޅު ތަކުގެ އެކި ރަށްރަށަށް ޖުމްލަ 90 މެޖިސްޓްރޭޓަކު ހޯދަން އިއުލާނުކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އިއުލާނުކޮށްފައި ވަނީ ހުސްވެފައިވާ މެޖިސްޓްރޭޓުންގެ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ކަމަށެވެ.

މިއީ ފަހުގެ ތާރީހެއްގައި އެހާ ގިނަ އަދަދެއްގެ މެޖިސްޓްރޭޓުން ހޯދަން އިއުލާނު ކުރި ފަހަރެވެ.

އެކި ކޯޓުތަކަށް ހޯދަނީ އިސް މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުންނެވެ. މެޖިސްޓްރޭޓަކަށް ކުރިމަތިލާ މީހަކީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވާން ޖެހެއެވެ.

އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލްކޮށްފައިވާ މީހަކަށް ވާން ޖެހެއެވެ. އަދި ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލު ކަމުގައި ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

މެޖިސްޓްރޭޓް ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މޭ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އިއުލާނުގައި ބުނެފައިވެއެވެ.