އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް އެގްރިމެންޓުގައިވާ އުސޫލުން ކުރިއަށް ނުގެންދާ މައްސަލާގައި ދިވެހި ސަރުކާރާ ދެކޮޅަށް ދައުވާކުރަން ނިންމާފައިވާ މެލޭޝިޔާގެ ކުންފުނި، ނެކްސްބިޒްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ހަމަޖައްސަން ނިންމައިފި އެވެ.

ސުއޫދު ވަނީ އެކަން މިއަދު ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ސުއޫދު ވިދާޅުވީ، ނެކްސްބިޒްގެ ލޯޔަރަކަށް ވުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި އެކަންތައް މުޅިން ފައިނަލްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ނެކްސްބިޒްގެ ފަރާތުން ސުއޫދު ވަކާލާތު ކުރައްވާނީ، އޮކްޓޯބަރު 17، 2010 ގައި އެކުންފުންޏާ ހަވާލުކޮށްފައިވާ 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ކުރިއަށް ނުގެންދާ މައްސަލަ އާއި އެކުންފުނި ބަދުނާމުވާ ގޮތަށް ބައެއް ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

ނަމަވެސް، އެ މައްސަލަތައް ކުރިއަށްދާނީ ކޮން ގައުމެއް ނުވަތަ ކޯޓެއްގައި ކަމެއް އަދި ނޭގެ އެވެ. އެކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެގްރިމެންޓުގައިވާ ގޮތުގައި އާބިޓްރޭޝަން ކުރިއަށްދާނީ ސިންގަޕޫރުގަ އެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ހުއްޓާލަން އެނގި އެ މަޝްރޫއުގައި ހުރި މައްސަލަތައް ރަނގަޅުކޮށް، އިސްލާހުކުރުމަށްފަހު ނެކްސްބިޒްއާއެކު ކުރިއަށްގެންދަން ކެބިނެޓުން ނިންމާފައިވީ ނަމަވެސް، އިމިގްރޭޝަން ޑިޕާޓްމަންޓް އިން އެ މަސައްކަތް ތަންފީޒެއް ނުކުރެ އެވެ.

އިމިގްރޭޝަނުން މިމަހުގެ ނިޔަލަށް މަސައްކަތްތައް ނުފަށައިފިނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ނެކްސްބިޒް އިން ވަނީ ދީފަ އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އީދު ބަންދަށް ފަހު ދައުވާކުރުމުގެ ކަންތައް ކުރިއަށްގެންދާނެ ކަން ނެކްސްބިޒް އިން ވަނީ ރައީސް އޮފީހަށް އަންގައިފަ އެވެ.

ކޮންޓްރޯލަރު އަބްދުﷲ ޝާހިދު އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި، ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ކުރިއަށް ނުގެންދަނީ އޭސީސީން އެ ޕްރޮޖެކްޓް ހުއްޓާލުމަށް އަންގާފައި ވާތީ ކަމަށް ވިދާޅުވެ، ކޮންޓްރޯލަރު ވަނީ އޭސީސީގެ ރައީސް ހަސަން ލުތުފީ އަށް މިމަހުގެ 22 ވަނަ ދުވަހު ސިޓީ އެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި ކޮންޓްރޯލަރު ވަނީ ނެކްސްބިޒް އަށް ދޭނެ ޖަވާބެއް އަންގަވައިދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ.