10:00


އިނގިރޭސި ޕްރިމިއަރލީގުގެ ކްލަބް ބްލެކްބާރން ރޯވާރޒްގެ މެނޭޖަރ މިސްޓަރ ސޭން އެލަރޑައިޒްއާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ބައްދަލުކުރައްވައިފި އެވެ.


އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، ފުޓްބޯޅައަކީ ރާއްޖޭގައި އެންމެ މަޝްހޫރު އަދި އެންމެ ގިނަ މީހުން ޝައުގުވެރިވާ ކުޅިވަރުކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.


މި ބައްދަލުކުރެއްވުމުގައި، މިސްޓަރ އެލަރޑައިޒް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވެދެއްވުމުގެ ގޮތުން، ބްލެކްބާރން ރޯވާރޒްއިން ރާއްޖޭގެ ދެކުޅުންތެރިއަކު ތަމްރީންކުރެއްވުމަށް ފުރުޞަތު ދިނުމަށް އެކްލަބުން ގަސްދުކުރާކަމުގައި ވިދާޅުވި އެވެ.


މިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އެކްލަބަށް ޝުކުރު އަދާކުރައްވައި، މިއީ ރާއްޖެގެ ފްޓްބޯޅައަށް އިތުރު ކުރިއެރުން ލިބިގެންދާނެ އަދި ރާއްޖޭގެ ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމެއް ކަމުގައި ވިދާޅުވި އެވެ.