އއ. އަތޮޅު މަޑޫގަލި ކައިރިއަށް އެން ހިފަން ފޭބި މީހެއްގެ ފަޔަށް ފެމުނެއް ހަމަލާދީގެން ފަރުވާދޭން ފަށައިފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެމީހާއަށް ފެމުނު ހަމަލާދީފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

ކަންނެއްޔަށް ނުކުމެ އުޅުނު އެ ދޯނިން އެން ނަގަން ފޭބި ތަނުން ފެމުނު ހަމަލާދީފައިވާ މީހާއާ ގުޅޭ އިތުރު މައުލޫމާތު އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ނަމަވެސް އޭނާގެ ފަޔަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ.

ފެމުނު ހަމަލާދީގެން ޒަހަމްވި މީހާ މިހާރު ވަނީ އއ. އުކުޅަހަށް ގެންގޮސް ފަރުވާދޭން ފަށައިފަ އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ފެމުނަކީ މިޔަރުގެ ވައްތަރެކެވެ. މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އުޅޭ އެންމެ ނުރައްކާތެރި މިޔަރެވެ. މިއީ މިޔަރުތަކުގެ ތެރެއިން ވެސް އިސްކޮޅުން ދިގު ބޮޑު މިޔަރެކެވެ. ފެމުނުގެ ދިގުމިނުގައި އާއްމުކޮށް 20 ފޫޓް ހުރެ އެވެ. އަދި ބަރުދަނުގައި ގާތްގަނޑަކަށް 2250 ކިލޯ ހުންނަކަން ފާހަގަ ކުރެވެ އެވެ. ފެމުނު މިޔަރު 7.4 މީޓަރަށް ބޮޑުވާކަމަށް ވެ އެވެ. ފެމުނު މިޔަރަކީ އޭގެ ނުރައްކާތެރި ކަމުގެ ސަބަބުން ދިވެހި މަސްވެރިންގެ ތެރޭގައި ވަރަށް މަޝްހޫރު މިޔަރެކެވެ.