31 Aug 2011, 17:12
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެކަން ރަސްމީކޮށް އިޢުލާންކޮށްފި ނަމަ އެގޮނޑިއަށް ކުރިމަތިލާނެ ކަމަށް އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކުން މިއަދު ބުނެފި އެވެ.
ކާދިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާނެ ކަމަށް މިއަދު ބުނި ޕާޓީތަކަކީ ޑީއާރުޕީއާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީ އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯހިލް މިއަދު ވިދާޅުވީ ކާށިދޫ ގޮނގިއަށް މިހާރުވެސް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ފައިނަލް ގޮތެއް ނިންމާނީ އިލެކްޝަނުން ރަސްމީކޮށް އެކަންތައް އިއުލާން ކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ އިސްތަރުޖަމާނު އައްޝައިހު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އެ ގޮނޑި ހުސްވެއްޖެކަން ރަސްމީކޮށް، އިލެކްޝަނުން އިޢުލާންކޮށްފި ނަމަ އަދާލަތުން ވެސް އެގޮނޑިއަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އޮތް ކަމަށެވެ. ނަމަވެސް ޝަހީމު ވިދާޅުވީ އެގޮނޑިއަށް ވާދަކުރާނެ ފަރާތެއް ކަނޑައަޅާނީ ރަސްމީކޮށް އެކަން އިއުލާން ކުރުމުން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެގޮނޑި ހުސްވެއްޖެ ނަމަ އެޕާޓީންވެސް އެގޮނޑިއަށް ޝައުގުވެެރިކަން ފާޅުކުރާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން އެކޯޓުން އަދި ރައްޔިތުންގެ މަޖިލީހުން ވެސް އެއްވެސް އެއްޗެއް މިހާތަނަށް އެކޮމިޝަނަށް އަންގާފައިނުވާ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން އެނގިވަޑައިގެންނަވާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނީ ގޮތުން ހޯދަންޖެހޭ މައުލޫމާތުތަކެއް ވެސް އެބަހުރި. އެގޮނޑީގައި ކުރިން ހުންނެވި މެންބަރު އެމައްސަލަ އިސްތިއުނާފު ކުރައްވާތޯ ވެސް ބަލަން އެބަޖެހޭ. އެހެންވެ ގާނޫނީ ގޮތުން މިކަންތައްތައް ބަލާފަ ކޮމިޝަނުން ގޮތެއް ނިންމާނީ. އީދު ބަންދު ނިމުނީމައި އެމަސައްކަތް ފެށޭނީ،" ފުއާދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ އެމައްސަލައާ މެދު މަޖިލީހުން އަދި ވަކި ގޮތަކަށް ނިންމާފައިނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި 2009 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން ގެންދެވި މެންބަރު އަބްދުލްހަމީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ގަސްތުގައި ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަމުގެ ކުށް ސާބިތުވެގެން ދޮޅު އަހަރަށް އޭނާ އަރުވާލުމަށް ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.