ބަނގުލަދޭޝްގައި ކުރިއަށްދާ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ބަނގުލަދޭޝް އަތުން ބަލިވެގެން ކަޓައިފިއެވެ.

މިއަހަރުގެ މުބާރާތުގައި ހަ ޓީމު ވާދަކުރާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ. ރާއްޖެއާއެކު ދެން އެ ގްރޫޕުގައި ހިމެނެނީ ބަންގާޅުގެ އިތުރުން ނޭޕާލެވެ. ގްރޫޕް ބީގައި ހިމެނެނީ ކިރްގިސްތާނާއި އުޒްބަކިސްތާން އަދި ތުރުކުމެނިސްތާނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ނުކުތީ ނޭޕާލާ ދެކޮޅަށެވެ. އެ މެޗުން ސީދާ ތިން ސެޓުން ބަލިވެފައި އޮތުމާއެކު ރާއްޖެއަށް އިއްޔެގެ މެޗު، ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެން ނޫނީ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތެއް ނެތެވެ.

މުބާރާތް ބާއްވާ ގައުމު ބަންގާޅާ ދެކޮޅަށް ރާއްޖެއިން އިއްޔެ ކުޅުނު މެޗުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ބަންގާޅުން ގެންދިޔައީ 25-15، 25-15 އަދި 25-22 އިންނެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތް ރާއްޖެއިން ނިންމާލީ މޮޅެއް ނުލިބިއެވެ. އޭގެ ކުރިން 2016 ވަނަ އަހަރު ބަނގުލަދޭޝްގައި ބޭއްވި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ ބްރޯންޒް މެޑަލް ހޯދައިފައެވެ.

އޭވީސީ މުބާރާތަށް ގައުމީ ޓީމު ނުކުތީ ކޯޗު، މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުންނެވެ. ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. ވައިސް ކެޕްޓަނަކަށް އަލީ ހުޒާމް (ހުޒާންޓޭ) ހަމަޖައްސާފައިވާ އިރު، ކުރިން ގައުމީ ޓީމުން ފެންނަ ގިނަ ސީނިއާ ކުޅުންތެރިންތަކެއް މިފަހަރުގެ ޓީމުގައި ނުހިމެނެއެވެ.

މުބާރާތަށް ދިއުމުގެ ކުރިން ތައިލެންޑްގައި ކޭމްޕްކޮށް ރާއްޖެއިން ވަނީ ރަަނގަޅު ނަތީޖާތަކެއްވެސް ނެރެފައެވެ.