ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް އުފައްދަވާ އާ ސިޔާސީ ޕާޓީއަކާ ގުޅުމަށް ގިނަ މެމްބަރުންތަކެއް ޑީއާރްޕީ ދޫކޮށް ނުދާނެ ކަމުގައި ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ރޭ ވިދާޅުވެއްޖެ އެވެ.

ދިޓީވީން ފޮނުވި "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތަސްމީން ރޭ ވިދާޅުވީ، މައުމޫން އުފައްދަވާ ސިޔާސީ ޕާޓީ އަދިވެސް އޮތީ "ހިޔާލީ" ކަމެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެޕާޓީގެ އުސޫލުތަކާއި، ސިޔާސީ ފިކުރާއި އަދި ލީޑާޝިޕާ ގުޅޭ އެއްވެސް ކަމެއް ރައްޔިތުންނަށް ސާފު ނުވާ ކަމުގައި ތަސްމީން ވިދާޅުވި އެވެ.

އެހެންކަމުން، އެފަދަ ޕާޓީއަކާ ގުޅުމަށް ޑީއާރްޕީގެ ފިކުރަށް ތާއީދުކުރާ ގިނަ މެމްބަރުން ޕާޓީ ދޫކޮށް ނުދާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

"އަލަށް އުފެދޭ ޕާޓީއަކާ ބަޔަކު ބައިވެރިވަންޏާ ފުރަތަމަ އެއީ ކޮން ސިޔާސީ ފިކުރެއްގެ ބަޔެއްތޯ އެބަ ބަލަންޖެހޭ އެޕާޓީއެއްގެ ލީޑާޝިޕަކީ ކޮބައިތޯ ބަލަން ޖެހޭ. އެޕާޓީން އިންތިހާބަކަށް ނުކުންނާނީ ކޮން ބައެއްތޯ އެނގެން އެބަޖެހޭ. ތި އުފެދޭނެ ކަމަށް ވިދާޅުވާ ޕާޓީއާ ބެހޭ ގޮތުން އެއްވެސް ކަމަކީ އަދި ސާފުކޮށް ފެންނަން ހުރި ކަންކަމެއް ނޫން. ތަސްމީން ވިދާޅުވި އެވެ. "އެހެންވީމަ، ވަކި ފިކުރެއް ގަބޫލުކޮށްގެން ވަކި ކަންކަމެއް ތަންފީޒުކުރަން، އަދި އެކަންކަން ތަންފީޒުވީމަ ރައްޔިތުންނަށް ފައިދާވާނެ ކަމަށް ގަބޫލޮށްގެން ޕާޓީއެއްގެ ގޮތުގައި މި ޑިމޮކްރެޓިކް ނިޒާމްގެ ތެރޭގައި ހަރަކާތްތެރިވާ ]ޑީއާރްޕީގެ[ މެމްބަރުން އަޅުގަނޑު ގަބޫލެއް ނުކުރަން، ގިނަ މެމްބަރުންނެއް ޕާޓީއަށް ހީނަރުކަމެއް އަންނާނެ ގޮތަށް ވަކިވެގެންދާނެ ކަމަކަށް،" ތަސްމީން ވިދާޅުވި އެވެ.

ނަމަވެސް، ކުރީގެ ރައީސް މައުމޫން އާ ޕާޓީއެއް އުފައްދަވައިފި ނަމަ އެމަނިކުފާނަށް ތާއީދުކުރާ ބަޔަކު ޕާޓީން ވަކިވާނެ ކަމަށާއި އެކަމުގެ ސަބަބުން އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ޑީއާރްޕީ "ހީނަރު" ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ފައިދާ ވާނީ ސަރުކާރަށް ކަމަށާއި އެކަމާ އެމްޑީޕީން ވަރަށް "އުފާވާނެ" ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

މީގެ އިތުރުން ޑީއާރްޕީގައި ހުންނަވައިގެން ޕާޓީއަށް ހީނަރުކަމެއް އަންނާނެ އެއްވެސް ކަމެއް ކުރުމަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފުކަމެއް ކަން ތަސްމީން ފާހަގަކުރެއްވި އެވެ.

ރޭގެ ޝޯވގައި ވާހަކަދައްކަވަމުން ތަސްމީން ވަނީ، 20،000ރ. ގެ ކޮމިޓީ އެލަވަންސް ނުންގަނަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ގަސްދެއް ނުކުރަން އެ 20،000 ރުފިޔާގެ އެލަވަންސް ނަގާކަށް ގައުމުގެ އިގްތިސާދީ ހާލަތަށް ރިއާޔަތް ކުރާއިރު." ތަސްމީން ވިދާޅުވި އެވެ.