23 Apr 2018, 20:11
ޑޮކްޓަރުކަން ނުވަތަ އެމްބީބީއެސް ކިޔެވުމަށް ރާއްޖޭގައި އަލަށް ފަށާ ކޯހުގެ ފީގެ ގޮތުގައި މަހަކު 1000 ޑޮލަރު ނުވަތަ 15420 ރުފިޔާ ކަމުގައި ގައުމީ ޔުނިވާސިޓީން ކަނޑައަޅައިފިއެވެ.
ގައުމީ ޔުނިވާސިޓީގ ޑެޕިއުޓީ ވައިސް ޗާންސެލާ އައިޝަތު ޝާހީން "ސަން" އަށް ވިދާޅުވީ އެމްބީބީއެސް ރާއްޖޭގައި ހެދުމަށް ކަނޑައެޅި ފީއަކީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ކިއުމަށްފަހު ކަނޑައެޅި ފިީއެއް ކަމަށެވެ.
އެމްބީބީއެސް ކޯހުގައި ބައިވެރިވާން ހުޅުވާލި ފުރަތަމަ ދުވަހު ވެސް 40 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށް ގައުމީ ޔުނިވާސިޓީ މިއަދު ބުންޏެވެ.
އެ ކޯހަށް އެދޭ ފޯމު ބަލައިގަންނަން ފެށީ އިއްޔެއެވެ. އަދި މުއްދަތު ހަމަވާނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.
އަންނަ ޖުލައި މަހު ތެރޭގައި ފަށަން ތައްޔާރުވާ އެމްބީބީއެސް ޕްރޮގްރާމުން 50 ދަރިވަރުންނަށް ޖާގަ ހުޅުވާލައިފައިވާއިރު، އެ ކޯސް ހެދުމަށް ބޭނުންވާ ދަރިވަރުން ލޯނަށް އެދުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ވަނީ ހުޅުވާލައިފައެވެ.
ފަސް އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ އެމްބީބީއެސް ޕްރޮގްރާމަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި، އޭލެވެލްގައި ބަޔޮލަޖީ، ކެމިސްޓްރީ، ޕިޒިކްސް އަދި ހިސާބުން ފާސްވުމާ އެކު އޯ ލެވެލް އިމްތިހާނުގައި މަދުވެގެން ފަސް މާއްދާއިން ފާސްވުން ހިމެނެއެވެ. އަދި އިނގިރޭސި މާއްދާއިން މަދުވެގެން ސީ ފާސް ލިބިފައި އޮންނަންޖެހޭ ކަމަށް ޔުނިވާސިޓީން ބުންޏެވެ.
އެމްއެންޔޫއިން އެ ކޯސްތައް ހިންގަން ނިންމާފައިވަނީ އައިޖީއެމްއެޗާ ޖެހިގެން މިހާރު ހަދަމުން އަންނަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ތަނެއްގައެވެ.