އިނގިރޭސި ވިލާތުގެ ޗެލްސީން ހޯދުމަށް މަސައްކަތް ކުރާ ޕޯޗުގަލްގެ އެފްސީ ޕޯޓޯގެ އަލްވާރޯ ޕެރޭރާ ހޯދުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާގެ އެޖެންޓް އެލެކްސެންޑްރޯ ސަވިޗް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ޕޯޓޯއަށް ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު ޗެލްސީއަށް ބަދަލުވި ކޯޗު އަންދުރޭ ވިލަސް ބޮއަސް ވަނީ އޭނާގެ ކުރީގެ ކުލަބުގެ ކުޅުންތެރިން ގެނައުމަށް މަސައްކަތްތަކެއް ކުރިނަމަވެސް ނާކާމިޔާބު ވެފައެވެ.

ޕޯޓޯގެ ފަލްކާއޯއާ ހަލްކު ގެނައުމަށް ކުރި މަސައްކަތް ނާކަމިޔާބުވުމާއި ގުޅިގެން މިހާރު ޗެލްސީން މަސައްކަތް ކުރަމުންދަނީ އުރުގުއޭ ޑިފެންޑަރު ޕެރޭރާ ހޯދުމަށެވެ.

"އަހަރެންނަށް އެނގޭ ޗެލްސީއަށް ޕެރޭރާ ގެންދިއުމަށް ދެކުލަބުން ވެސް ވަރަށް ގާތުން ވާހަކަ ދައްކަމުން އަންނަކަން. އޭނާ ކޮންމެހެން ޕޯޓޯއަށް ކުޅެން ބޭނުން ނުވަނީކީ ނޫން. މިހާރުވެސް އޭނާ ކުލަބަށް ސަތޭކައަށްވުރެ ގިނަ މެޗު ވެސް ކުޅެދީފަވާނެ. މިހާރު ޕެރޭރާ އެ މަޑުކުރަނީ ދެ ކުލަބުން ނިންމާ ނިންމުމަކަށް. ޗެލްސީއާ އަހަރެންނާ ވާހަކަ ދެއްކުމުގެ ހުއްދަ ކުލަބުން އަދި ނުދޭ. ދެ ކުލަބުން އެއްބަސްވުމަކާ ހަމައަށް ދިއުމުން އަހަރެންނަށް ވާހަކަތަކުގައި ބައިވެރި ވެވޭނެ." ޕެރޭރާގެ އެޖެންޓް ބުންޏެވެ.

މިސީޒަނުގައި ޗެލްސީގެ ސްކޮޑަށް ހަތަރު ކުޅުންތެރި އެއް ގެނެސްފައި ވެއެވެ. ހުއާން މަޓާ އާއި ރޮމެލޫ ލުކާކޫ އަދި ޑަވިއްލާ ގެނެސްފައި ވާއިރު އެޓީމާއި ގުޅުނު ކީޕަރު ތިބޯޓު ކޯޓޮއިސް ވަނީ އެތުލެޓިކޯ މެޑްރިޑަށް ލޯނުގެ ދަށުން ދޫކޮށްފަ އެވެ.

ޗެލްސީން ޔޮސީ ބެނަޔޫންގެ އިތުރުން ހަތް މިލިޔަން ޕައުންޑް ލިވަޕޫލަށް ދިނުމަށް ފަހު އެކުލަބުން ޗެލްސީ އަށް ހޯދުމަށް ހުށަހެޅި ރައުލް މެރީލޭސްގެ ބިޑް ވަނީ ނާކާމިޔާބު ވެފައެވެ.