23 Apr 2018, 15:56
ރާއްޖޭގެ ދާހިލީ ކަންކަމުގައި ބޭރުގެ ފަރާތްތަކުން ބަސްބުނުމުގެ ޖާގަ ނުދިނުމަށް، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން ފުރަތަމަ ޕީއެޗްޑީ ދަސްވެނިންނަށް ރައީސް، ނަސޭހަތްތެރިވެވަޑައިގެންފި އެވެ.
ރައީސް އެހެން ވިދާޅުވީ، ގައުމީ ޔުނިވާސިޓީގެ ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވާފައިވާ ޑރ. ސުނީނާ ރަޝީދާއި ޑރ. އާއިޝަތު އަލީއާ ރައީސް އޮފީހުގައި މިއަދު ހެނދުނު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ޕީއެޗްޑީ ހާސިލްކުރެއްވި ދެ ބޭފުޅުން ކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތް ފާހަގަކުރައްވައި ރައީސް ވަނީ އިސްލާމްދީނުގައިވާ މަތިވެރި އުސޫލުތައް ނެހެއްޓުމަށާއި ދީނާއި ގައުމާއި ވަތަންދެކެ ލޯބިވާ، ވަތަނަވީ މީހަކަށްވުމަށް އެދިވަޑައިގެންފަ އެވެ.
އަދި ކޮންމެ ހާލެއްގައި ރާއްޖޭގެ ދާހިލީ ކަންކަމުގައި ބޭރުގެ ފަރާތްތަކަށް ބަސްނުމުގެ ޖާގަ ނުދިނުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގަތެވެ.
ޑރ. ސުނީނާ އާއި ޑރ. އާއިޝަތު އަލީ ޕީއެޗްޑީ ހާސިލްކުރެއްވީ ތައުލީމީ ދާއިރާއިންނެވެ. އަދި ދެ ބޭފުޅުންގެ ތެރެއިން ޑރ. ސުނީނާ ޕީއެޗްޑީއަށް ކިޔަވައި ވިދާޅުވީ ރައީސްގެ ސްކޮލަޝިޕެއްގަ އެވެ.
ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފު ދެއްކެވި ވާހަކަފުޅުގައި މިއީ އެ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރި ފުރަތަމަ ފަހަރު ކަމުގައި ވިއަސް ކިޔެވުމުގެ ފެންވަރު ހިފެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމުގެ ޔަގީންކަން ރައީސްއަށް އެރުވި އެވެ.
އެގޮތުން އެގްޒެމިނަރުންގެ ގޮތުގައާއި އެޑިޝަނަލް ސުޕަވައިޒަރުންގެ ގޮތުގައި ތަޖުރިބާކާރު ބޭފުޅުންގެ ހިދުމަތް ހޯއްދަވާފައިވާނެކަން ޗާންސެލަރު ފާހަގަކުރެއްވި އެވެ.
މިއަދު ބޭއްވި ބައްދަލުކުރެއްވުން ނިންމަވާލަމުން ރައީސް ވަނީ އެ ދެ ކަނބަލުންނަށް އުފާ ފާގަތި މުސްތަގްބަލަކަށް އެދިވަޑައިގެންފަ އެވެ. އަދި ދެ ބޭފުޅުން ރައީސްއަށް ޝުކުރު އަދާ ކުރެއްވި އެވެ.