23 Apr 2018, 13:23
މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީގެ ހިތަދޫން މޫދަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ދެކުދިންގެ ތެރެއިން އެއް ކުއްޖަކު އެދުވަހު ލައިގެން ހުރި ކަމަށް ބެލެވޭ ސޯޓު ފެނިއްޖެ އެވެ.
ފުލުހުން ވެސް ވަނީ ގެއްލިގެން ހޯދަމުންދާ ކުއްޖެއް ލައިގެން ހުރި ކަމަށް ބެލެވޭ ސޯޓެއް ފެނިފައިވާކަން 'ސަން' އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ސޯޓު ފެނުނީ ހިތަދޫގައި ޗައިނާ ފްލެޓްތަކާ ދިމާލަށް ފުއްޓަރު ފަރާތު ފަރުމަތިން ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުންނަށް ފެނުނު ކަމަށް ބުނާ ސޯޓަކީ ގެއްލިގެން ހޯދަމުންދާ ހިތަދޫ، ޗަނބޭލީގެ އުމުރުން 17 އަހަރުގެ އަލީ ފަހުމީގެ އެ ދުވަހު ލައިގެން ހުރި ސޯޓެވެ.
އަލީ ފަހުމީ އަދި އެ ރަށު ޓޮޕާޒް، އުމުރުން 14 އަހަރުގެ މަޔާމިން އަލީ ގެއްލިފައި ވަނީ އިތުރު ކުއްޖަކާ އެކު މޫދަށް އެރި އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ވަގުތެއްގަ އެވެ.
އެ ހާދިސާގައި ފަހުމީ އަދި މަޔާމިންއާ އެކު މޫދަށް އެރުނު ހިތަދޫ، ބުލޫގެ ރާއިފް އަލީ ސަލާމަތް ވެފައިވާ އިރު ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ވެސް ދަނީ ކުރަމުންނެވެ.
ހޯދަމުންދާ ކުއްޖެއްގެ ސޯޓެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ އިރު، ދެ ކުދިންގެ ތެރެއިން ކުއްޖެއްގެ ޓީޝާޓެއް ކަމަށް ބެލެވޭ އެއްޗެއް އިއްޔެ ވަނީ ފެނިފަ އެވެ.
ނަމަވެސް އެއީ އެ އިން ކުއްޖެއްގެ އެއްޗެއް ނޫން ކަމަށް، އެ ދެ ކުދިންނާ އެކު މޫދަށް އެރި އުޅެނިކޮށް ސަލާމަތްވި 17 އަހަރުގެ އަލީ ރާއިފު ބުނެ އެވެ.