ސްޕެއިންގެ ރެއާލް މެޑްރިޑުން ކުޅެމުންދަނީ ޗެމްޕިއަން ބާސެލޯނާ އާއި އެއް ފެންވަރެއްގައި ކަމަށް ގަބޫލުކުރާ ކަމަށް އެ ކުލަބުގެ ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް ބުނެފި އެވެ.

މިސީޒަނުގައި ރެއާލް މެޑްރިޑްގެ ސޮކޮޑަށް އިތުރުކުރި ހާމިތު އަލްޓިންޓޮޕާއި، ހޯސޭ މަރިއާ ކަލެހޮނާއި، ފަބިއޯ ކޮންޓްރާއޯ އާއި ނޫރީ ސަހިން އަދި ރެފެއަލް ވެރޭންގެ ސަބަބުން ޓީމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް އޮޒިލް ގަބޫލުކުރެ އެވެ.

ސްޕެނިޝް ސުޕަ ކަޕްގެ ދެވަނަ ލެގުގައި ބާސެލޯނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ހިންގި ހަމަނުޖެހުމެއްގައި ބައިވެރިވުމުގެ ސަބަބުން ރަތްކާޑު ދެއްކި މެސުޓް އޮޒިލް ބުނާގޮތުގައި އެ މެޗުގެ ސަބަބުން ވާދަވެރިކަން ބޮޑު ވެފައިވާ ކަމަށެވެ.

"ސުޕަ ކަޕުން އަހަރެމެން ހަމަނުޖެހުމެއް ހިނގާ ބަލިވި ނަމަވެސް ބާސެލޯނާ އާއި އެއް ފެންވަރެއްގައި ވާކަން އެނގިގެންދިޔަ. ސީޒަނުގެ ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ރެއާލް ޒަރަގޯޒާގެ މައްޗަށް ކާމިޔާބު ލިބުމުން އުފާކުރަން. ފުރަތަމަ މެޗުން މިހާ ބޮޑު ކާމިޔާބީ އެއް ލިބުމުން ޓީމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ." ރެއާލް މެޑްރިޑްގެ ޕްލޭމޭކާ އޮޒިލް ބުންޏެވެ.

ސީޒަނުގެ ފުރަތަމަ މެޗް ރެއާލް މެޑްރިޑުން 6-0 ލަނޑުން ޒަރަގޯޒާގެ މައްޗަށް ކުރި ހޯދިއިރު ބާސެލޯނާ ގެ ފުރަތަމަ މެޗް ކާމިޔާބުކުރީ 5-0 ލަނޑުން ވިލަރެއާލްގެ މައްޗަށް ކުރި ހޯދުމަށްފަހު އެވެ. ސްޕެނިޝް ލަލީގާގެ ގޯލެއްގެ ތަފާތުން ރެއާލް މެޑްރިޑް އެއްވަނާގައި ވަނީ ބާސެލޯނާ އާއި ގޯލެއްގެ ތަފާތުންނެވެ.