23 Apr 2018, 11:34
ރިޔާދު (ގަލްފު ނިއުސް) – ސައުދީ އަރަބިއާގައި އުމްރާގެ އަޅުކަމަށް ގޮސް އުޅުނު މީހުންތަކެއް ގޮވައިގެން ދަތުރުކުރަމުން ދިޔަ ބަހަކާއި ތެޔޮ ޓޭންކަރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެ ބަހުގައި ތިބި ހަތަރު މީހަކު މަރުވެއްޖެ އެވެ.
އޮފިޝަލުން ބުނާ ގޮތުން، ސައުދީގެ ހުޅަނގުގައި އޮންނަ އަލް ހަލަސް ސަހަރުގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ އެކްސިޑެންޓުގައި މަރުވީ އުމްރާގެ އަޅުކަމަށް މައްކާއަށް ދިޔަ މަގުމަތީގައި ތެޔޮ ކަރުގައި ޖެހި، ބަހުގައި އަލިފާން ހިފުމާ ގުޅިގެންނެވެ.
އިނގިރޭސިވިލާތުގެ 17 މީހަކު ގޮވައިގެން ދަތުރުކުރަމުން ދިޔަ އެ ބަސް އެކްސިޑެންޓު ވުމާ ގުޅިގެން މަރުވި ހަތަރު މީހުންގެ ތެރޭގައި ހަ ކުދިންގެ މަންމަ އަކާއި އޭނާގެ އެއް ފިރިހެން ދަރިއަކު ހިމެނެ އެވެ.
ދެން ހިމެނެނީ، އުމުރުން 70 އަހަރުގެ މުސްކުޅި ފިރިހެނަކާއި 13 ކުދިންގެ މާމަ އެކެވެ. ހާދިސާގައި އިތުރު 12 މީހަކަށް ވަނީ އަނިޔާ ވެފަ އެވެ.
ހާދިސާއާ ގުޅިގެން ލަންޑަނުގައި ހުންނަ ސައުދީ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، އެކްސިޑެންޓުގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ސައުދީއަށް ދިއުމަށް ޓަކައި އެމަޖެންސީ ވިސާ ހަމަޖެއްސުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ މުސްލިމުންނެއް އުމްރާ އަދި ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާ އަށް ދާއިރު، މަދުން ނަމަވެސް ނުރައްކާތެރި ހާދިސާތައް ހިނގަ އެވެ.
އެގޮތުން 2017 ވަނަ އަހަރުގެ ޖަނަވަރީ މަހު ހިނގި އެކްސިޑެންޓެއްގައި އިނގިރޭސިވިލާތުގެ ހަ ރައްޔިތަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ދެ މަހުގެ ތުއްތު ކުއްޖަކު ވެސް ހިމެނެ އެވެ.