މި ދުވަސްވަރު އެންމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ މޯލްޑިވިއަން އައިޑަލްގެ ވާހަކައެވެ. ހަފްތާ ބަންދު ދުވަހުގައި ގެނެސްދެމުން އަންނަ ފްރެންޗައިޒް ޝޯއަށް ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައިވާއިރު ފާޑުކިޔުންތައް ވެސް އަންނަނީ ކުރިމަތިވަމުންނެވެ.

ހަފްތާ ބަންދުގައި އައިޑަލް ޝޯ ފެށެންވާއިރަށް ގޭގޭ ފެންޑާތައް ފުރިގެން ދަނީ ހީވެސް ނުކުރާހާ އަވަހަށެވެ. ޝޯ ފެށުމާއެކު މުޅި ސޯޝަލް މީޑިއާއަށް ވެސް ގުޑުން އަރައެވެ. ޓްވިޓާގައި އަދި ވަކިން ފޯރިގަދައެވެ.

އައިޑަލްގެ ގަދަ ފަހެއް މިހާރު ކަށަވަރު ވެފައިވާއިރު މިހާރު މިއޮތީ އައިޑަލްގެ ބައިވެރިންގެ އެންމެ ފަހު މަރުހަލާތަކާ ހަމައަށް ވާސިލްވެފައެވެ. ޝޯގެ ބައިވެރިންނެކޭ އެއްވަރަށް ފޭނުންގެ މެދުގައި ވެސް މިހާރު ވަނީ ބޮޑު ވާދަވެރިކަމެއް އުފެދިފައެވެ.

އައިޑަލް ގަދަ ފަހެއްގައި ހިމެނޭ މައީޝާ އޭނާގެ ފޭން އަކާ އެކީ--- ފޮޓޯ/ ފޭސްބުކް

އެ މީހެއްގެ "ފޭވަރިޓް" ބައިވެރިޔާ ސަލާމަތްކުރުމަށް ވޯޓުން ކުރެވޭ ހުރިހާ މަސައްކަތައް ބައިވެރިޔާގެ ފޭން ޓީމުން ކުރިއަށް ގެންދެއެވެ.

އައިޑަލްގައި ހިމެނޭ ތަރިންނަށް އެކިކަހަލަ ޕޭޖް ހަދާ ފޭނުން އެއްކޮށް އެކިކަހަލަ އިވެންޓް ބޭއްވުމަކީ އައިޑަލް ވުޖޫދަށް އައިއްސުރެވެސް ކުރަމުން އަންނަ ކަމެކެވެ. އެބައެއްގެ "ފޭވަރިޓް" ބައިވެރިއެއް އުފާކޮށްދީ ހިތްހަމަޖައްސައިދިނުމަށް ތަފާތު މޮޅެތި ކަންތައްތައް ކުރުމަކީ އާންމު ކަމެކެވެ.

އައިޑަލްގެ ބައިވެރިންގެ ފޭން ޕޭޖްތައް މިހާރު ގިނަވެފައިވާއިރު އޭގެ ތެރެއިން ޕޭޖެއް ހިންގާ ފަރާތާ ވާހަކަ ދައްކާލުމުން ބުނީ މިހާރު ޓާކެޓަކީ އެ ބައިވެރިޔާ ގަދަ ތިނަކަށް ގެންދިޔުމަށް ކަމަށެވެ.

"މިހާރު އެހެރީ ގަދަ ފަހެއްގައި. ޓާގެޓަކީ ގަދަ ތިނަކަށް ގެންގޮސް އައިޑަލް ވިން ކުރުމަށް އެހީވެދިނުން. މިއުޒިކް ކެރިއާ އަކަށް ހެދުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް. މިއުޒިކް އަކީ އޭނާގެ ޕެޝަނެއް،"

އެ ޓީމްގެ އޮފިޝަލަކު ބުނީ އެ ޓީމަކީ އެންމެ ފުރަތަމަ އިވެންޓެއް ހިންގި ޓީމް ކަމަށާއި އަންނަ ހަފްތާގެ ހުކުރު ދުވަހު ސޯޝަލް ސެންޓަރުގައި ޚާއްސަ ހަރަކާތެއް ވެސް އޮންނާނެކަމަށެވެ.

"އަބަދުވެސް އޭނާގެ ބެސްޓް ދެއްކޭތޯ މަސައްކަތް ކުރާނެ. އެއީ ހަމަ އައިޑަލް އެއް. އެންމެ ޔުނިކް ވޮއިސް އެއީ،" ޓީމުގެ އޮފިޝަލަކު ބުންޏެވެ.

އައިޑަލްގެ ގަދަ ފަހެއް މިހާރު ކަށަވަރުވެފައިވާއިރު މިހާރު އެންމެ ގިނައިން ކުރާ ސުވާލަކީ އައިޑަލް އުފުލާނެ ބައިވެރިއަކީ ކޮން ބައިވެރިއެއްތޯ ކުރެވޭ ސުވާލެވެ.

އައިޑަލް ގަދަ ފަހެއްގައި ހިމެނޭ އަޒަލް އޭނާގެ ފޭނަކާ އެކީ--- ފޮޓޯ/ ފޭސްބުކް

ގަދަ ފަހެއްގައި ހިމެނިފައިވާ ބައިވެރިންނަކީ އާމިނަތު ސައިނާ ރަޝީދު، މަރިޔަމް މައީޝާ، އައިޝަތު އަޒަލް، ތަސްލީމް އަބްދުލްކަރީމާއި ނައުޝާދު އަބްލުއްލަތީފެވެ.

އައިޑަލްގެ ޝޯ އަކުން ޖަޖުން ޕެނަލްގެ ޖަޖަކު ބުނި އަޑު ވެސް އިވުނެވެ.

"މިފަހަރު އަންހެނުންގެ ފަހަރަކަށް ވަނީބާ އެވެ؟،" ކަން ވެގެންދާނީ މި ގޮތަށް ކަމަށް ވެސް ގިނަ ބަޔަކު އެއްބަސްވެއެވެ.

ނަމަވެސް މިހާރު ގަދަ ފަހެއްގައި ތިބި ދެ ފިރިހެން ފަންނާނުންގެ ވާދަވެރިކަން ވެސް ކުޑައެއް ނޫނެވެ. ހުށަހެޅުމަކަށް ފަހު ހުށަހެޅުމެއް ރަނގަޅު ކުރަމުން އަންނަ މަންޒަރު ޝޯ ތަކުން ފެނިގެން ދެއެވެ. ތަފާތު ސްޓައިލްތަކުގެ ލަވަތައް ވެސް ފިރިހެން ދެ ބައިވެރިންގެ ފަރާތުން ފެނިގެން ދެއެވެ. ކަންމިހެން އޮތް އިރު މިއީ އަންހެނުންގެ ފަހަރޭ ބުނެވޭނެ ޖާގައެއް ވެސް ނެތެވެ. އެންމެ ހީނުކުރާހާ ގޮތަށް ވެސް ކަންތައްވެ ނިމިގެން ގޮސްދާނެއެވެ.

ހަމަގައިމުވެސް މި ފަހަރު ވެގެންދާނީ ވަރަށް ވާދަވެރި ފަހަރަކަށެވެ. އައިޑަލް އޭ ބުނި ބައިވެރިޔާ ވެސް ކަޓާފައި އެބަ ހުއްޓެވެ.

އައިޑަލް ގަދަ ފަހެއްގައި ހިމެނޭ ނައުޝާދުގެ ފޭނުން--- ފޮޓޯ/ ފޭސްބުކް

އައިޑަލްގެ ދަތުރުގައި ބެލުންތެރިން އެންމެ ހިތް އެދޭ ނަތީޖާއެއް ފެނިގެން ގޮސްފައި ނުވާއިރު ބެލުންތެރިން އަންނަނީ އައިޑަލްގެ ޖަޖުން ޕެނަލަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ބައެއް ޖަޖުން ބައިވެރިންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ފާހަގަކޮށްފައެވެ.

ގަދަ ފަހެއްގެ ގަދަ ހުށަހެޅުންތަކެއް ކުރިއަށް ހުރި ޝޯތަކުން ފެންނާނެކަން ޔަގީނެވެ. ކުރީ ޝޯތަކާ ހިލާފަށް ވަރުގަދަ ވާނެއެވެ. 33 ބައިވެރިންނާ އެކު ފެށި އައިޑަލް ދަތުރުގެ ގަދަ ފަހެއް އިއުލާންކޮށްފައިވާއިރު ބައިވެރިންގެ ވާދަވެރިކަންވެސް ވަނީ މެކުހަށް ޖަހައިފައެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ އައިޑަލްގެ ޓްރޮފީ އުފުލާލާނީ ކޮން ބައިވެރިއެއްތޯ ސުވާލުކުރުމުން އައިޑަލްގެ ފޭނެއް ބުނީ "މި ފަހަރު ގަދަ ތިނަކަށް ވެސް ދާނީ ތިން އަންހެން ކުދިން ކަންނޭގެ. ޓްރޮފީ ހައްގީ މައީޝާ އަށް،" ކަމަށެވެ.

"ޓްރޮފީ ހައްގީ އަޒަލް އަށް. އޭނާ ކުރި ބުރަ މަސައްކަތް ފެންނަން އެބަހުރި. ލަވަކިޔާ ގޮތް ވަރަށް ތަފާތު. އޭނާގެ ސްޓައިލް ވެސް،" އެހެން ފޭނެއް ބުންޏެވެ.

އައިޑަލް ގަދަ ފަހެއްގައި ހިމެނޭ ސައިނާ އޭނާގެ ފޭން އަކާ އެކީ--- ފޮޓޯ/ ފޭސްބުކް

ބައިވެރިންގެ އިތުރުން ފޭނުންގެ ފޯރިވެސް ވަކި ކުޑައެއް ނޫނެވެ. އެންމެ ކަމުދާ ބައިވެރިޔާ "ވިން" ކުރުމަށް ފޭނުންވެސް ޖަޖުންނެކޭ އެއްވަރަށް އިސް ރޯލެއް އަދާ ކުރެއެވެ.

"ހުރިހާ ބައިވެރިން ވެސް ރަނގަޅު. ނޭނގެ ކޮން ބައިވެރިއަކަށް ކަމެއް އައިޑަލް ލިބޭނީ. ހީނުކުރާހާ ނަތީޖާ ފެންނަނީ މުޅިން ވެސް،" އައިޑަލް ގަވައިދުން ބަލަމުންދާ އައިޑަލްގެ ފޭނެއް ބުންޏެވެ.

އައިޑަލްގެ ޓްރޮފީ އުފުލާލަން ކޮންމެ ބައިވެރިއެއްގެ ވެސް ޓާގެޓަކަށް މިހާރު ވަނީ ވެފައެވެ. އައިޑަލްގެ ގަދަ ތިނަކަށް އާދެވުމުން ވެސް އެއީ އައިޑަލްގެ ޓްރޮފީ އުފުލާލުން ފަދަ ކަމަކަށްވަނީ ވެފައެވެ. ނަމަވެސް ކޮންމެ ބައިވެރިއެއްވެސް މަސައްކަތް ކުރާނީ އައިޑަލްގެ ޓްރޮފީ އުފުލާލުމަށެވެ.

އައިޑަލް ގަދަ ފަހެއްގައި ހިމެނޭ ތަސްލީމް އޭނާގެ ފޭނުންނާ އެކީ--- ފޮޓޯ/ ފޭސްބުކް

ބެލުންތެރިން ބޭނުންވަނީ އައިޑަލް ހައްގުވާ ފަރާތަށް ޓްރޮފީ ލިބުމެވެ. މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ އައިޑަލް ހައްގުވަނީ ކޮން ބައިވެރިއަކަށް ބާއެވެ؟ އައިޑަލްގެ ޓައިޓަލް ގެންދާނީ ކޮން ބައިވެރިއެއް ބާވައެވެ؟ ޓްރޮފީ އުފުލާލާނީ ކޮން ހުނަރުވެރިއެއް ބާވައެވެ؟ މިހިރީ ބެލުންތެރީންގެ ސުވާލުތަކެވެ.