31 Aug 2011, 15:01
ޓްރިޕޮލީ (އޮގަސްޓް 31) : މަޤާމުން ދުރުކުރެވިފައިވާ ލީބިޔާގެ ކުރީގެ ލީޑަރ ކާރނަލް ގައްޒާފީގެ ފިރިހެން ދަރިކަލެއް ކަމަށްވާ އައްސާޢިދީ ޤައްޒާފީ އަމާން ދެއްވުމަށް ހުށަހަޅުއްވާފައިވާކަން ގައްޒާފީގެވެރިކަން ނިމުމަކަށް ގެނައި ލީބިޔާގެ ހަނގުރާމަވެރިން ހާމަކޮށްފިއެވެ. ލީބިޔާގައި މިހާރު ވެރިކަންކުރާ އިންތިޤާލީ މަޖިލީހަށް ނިސްބަތްވާ ޓްރިޕޮލީގެ ޢަސްކަރީ ކޮމާންޑްގެ ވެރިޔާ ޢަބްދުލްޙަކީމް ބިލްޙާޖް ވިދާޅުވީ ގައްޒާފީގެ ދަރިކަލުން އައްސާޢިދީ ގައްޒާފީ ބޭނުންވަނީ އޭނާގެ ސަލާމަތް ކަމަށާއި ސަލާމަތްކަން ދިނުމުން އަމާންކަންދޭނެ ކަން އޭނާ ހުށަހަޅާފައިވާ ކަމުގައެވެ.
ގައްޒާފީއަށް ވަފާތެރި ސިފައިންނާއި އޭނާގެ ދަރިންގެ ތެރެއިން އަމާންދޭ ކޮންމެ މީހަކަށް ރައްކާތެރިކަން ދޭނެ ކަމަށާ އަދި އެމީހުންނާމެދު އިންސާފުވެރިގޮތެއްގައި ޝަރީޢަތް ހިންގާނެ ކަމަށްވެސް ބިލްޙާޖް ވިދާޅުވިއެވެ. އައްސާޢީދީ އަމާން ދިނުމުގެ ކަންތައް ކުރިޔަށްދާ ކަމަށް ލީބިޔާގައި ވެރިކަންކުރާ އިންތިޤާލީ މަޖިލީހުންވެސް ކަށަވަރު ކޮށްދީފައިވެ އެވެ. އައްސާޢިދީ އަކީ ޤައްޒާފީގެ ފިރިހެން ދަރިންގެ ތެރެއިން ފުޓްބޯޅަ ކުޅުމަށާއި ކުޅިވަރުގެ ދުނިޔެއަށް މަޝްހޫރު ފަރާތެވެ. އައްސާޢިދީ ބޭނުންވެގެން އިޓަލީގެ ފުޓްބޯޅަ ކުލަބެއްވެސް އެތަށް މިލިިޔަން ޑޮލަރެއް ޚަރަދުކުރައްވާފައި ޤައްޒާފީ ބައްލަވައިގެންފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަނެއްކޮޅުން ޤައްޒާފީ ފިއްލަވައިގެން އުޅުއްވަނީ ގައްޒާފީއަށް ވަފާތެރި ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިވާ ދެކުނުގެ ރަށެއްކަމަށްވާ ސަބްހާގައި ކަމަށާއި ގައްޒާފީވެސް ވަރަށް އަވަހަށް ހައްޔަރުކުރެވޭނެ ކަމަށް ބިލްޙާޖް ވިދާޅުވިއެވެ. ގައްޒާފީގެ ދަރިކަލެއް ކަމަށްވާ ސައިފުލްއިސްލާމް ޤައްޒާފީ ވެސް ހުންނެވިތަން މިހާރު އެނގިފައިވާ ކަމަށާއި އޭނާ ހުންނެވީ ޓްރިޕޮލީއާ 40 ކިލޯމީޓަރު ދުރުގައިވާ ސިޓީއެއް ކަމަށްވާ ބަނީވަލީދުގައި ކަމަށް ޓްރިޕޮލީ ޢަސްކަރީ ކޮމާންޑްގެ ވެރިޔާ ޢަބްދުލްޙަކީމް ބިލްޙާޖް ވިދާޅުވިއެވެ.
އިއްޔެއަކީ ލީބިޔާގައި ރަމަޟާން މަހުގެ އެންމެ ފަހު ދުވަހެވެ. އިއްޔެ އިރުއޮއްސުނު ވަގުތު ބަނީވަލީދުގައިވާ ގައްޒާފީއަށް ވަފާތެރި ކޮމާންޑަރެއްގެ ގޭގައި ރޯދަ ވީއްލުމަށް ސައިފުލްއިސްލާމް އިންނަވަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށްމީހުން ބުނެއެވެ. (އަލްޖަޒީރާ+ރޮއިޓާސް)