31 Aug 2011, 14:56
ޓްރިޕޮލީ (އޮގަސްޓް 31) : އަލްޖަޒާއިރާއި ލީބިޔާގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި ގައްޒާފީގެ އަންހެން ދަރިކަނބަލުން ޢާއިޝާ ގައްޒާފީ އަންހެން ބޭފުޅަކާގެން ރައްކާވެ ވަޑައިގެންފި ކަމަށް އަލްޖަޒާއިރުން ބުނެފިއެވެ. ލީބިޔާއާ އެއްއިންވެގެން އޮން އަވަށްޓެރި ޢަރަބި ޤައުމެއް ކަމަށްވާ އަލްޖަޒާއިރުގެ ޚާރިޖިއްޔާއިން މިކަން އަންގާފައިވަނީ އދ. ގެ ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައެވެ.
މަޤާމުން ދުރުކުރެވިފައިވާ ލީބިޔާގެ ކުރީގެ ލީޑަރ ކާރނަލް މުޢައްމަރުލްޤައްޒާފީގެ 8 ދަރިންގެ ތެރޭގައި ހިމެނޭ ހަމައެކަނި އަންހެން ދަރިފުޅު ކަމަށްވާ ޢާއިޝާ ގައްޒާފީ އަންހެން ބޭފުޅަކާގެން ރައްކާވެ ވަޑައިގަތީ އޭނާގެ ބައްޕަ މުޢައްމަރުލްޤައްޒާފީގެ ވެރިކަން ވެއްޓުމާއެކު މަންމާފުޅާއި ޢާއިލާގެ ބައެއް މެންބަރުންނާއެކު ސަރަޙައްދީ ރޮނގު ހުރަސްކޮށް އަލްޖަޒާއިރަށް ފިއްލެވުމުގެ ތެރޭގައި އަލްޖަޒާއިރުގެ ސަރަޙައްދީ ރޮނގަށް ވަދެވަޑައިގެންނެވި ފަހުން ކަމަށް އަލްޖަޒާއިރުގެ ޚާރިޖިއްޔާއިން ބުނެއެވެ.
އަލްޖަޒާއިރުގެ ޚާރިޖިއްޔާއިން މިދިޔަ ހޯމަ ދުވަހު ބުނެފައިވަނީ ގައްޒާފީގެ އަނބިކަނބަލުން ސަފިއްޔާ އާއި އޭނާގެ 8 ދަރިންގެ ތެރެއިން 3 ދަރިކަލުން ކަމަށްވާ މުޙައްމަދު ގައްޒާފީ އާއި ހާނީބާލް ގައްޒާފީ އާއި ޢާއިޝާ ޤައްޒާފީ އާއި އެބޭފުޅުންގެ ޢާއިލާތައް ސަރަޙައްދީ ރޮނގު ހުރަސްކޮށް އަލްޖަޒާއިރަށް ވަޑައިގެން ޙިމާޔަތް ހޯއްދަވާފައިވާ ކަމުގައެވެ.
އަލްޖަޒާއިރުން ޙިމާޔަތްދިން ޤައްޒާފީގެ ޢާއިލާގެ އެއްވެސް ބޭފުޅަކު، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ޙާޒިރު ކުރުމުގެ އަމުރު ނެރެފައިވާ ލިސްޓްގައި ހިމެނިފައެއް ނުވެއެވެ. ޢާއިޝާއަކީ ވިހަންކައިރިވެފައިވާ މާބަނޑު އަންހެނެއް ކަމަށްވާތީ އެބޭފުޅުންނަށް ޙިމާޔަތްދިނީ އިންސާނީ ސަބަބުތަކަށްޓަކައި ކަމަށްވެސް އަލްޖަޒާއިރުން ބުނެފައިވެއެވެ.
ޢާއިޝާ ރައްކާވެ ވަޑައިގަތީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ކުރެއްވި ދަތުރުގައި ހޮސްޕިޓަލެއްހުރި ހިސާބަކަށް ނުފޯރަނީސް ކަމަށާއި ޑޮކްޓަރެއް އަދި ސިއްޙީ އެހީތެރިއެއްގެ އެހީތެރިކަންވެސް ނުލިބި ކަމަށާ ނަމަވެސް މިހާރު ޢާއިޝާއާއި ތުއްތު ދަރިފުޅު އަލްޖަޒާއިރުގެ ހޮސްޕިޓަލެއްގައި ހެޔޮޙާލުގައި އެބަތިއްބެވި ކަމަށް އަލްޖަޒާއިރުގެ ސަރުކާރުން ބުނެއެވެ.
ގައްޒާފީގެ ދަރިކަނބަލުން ޢާއިޝާއާއި މަންމާފުޅާއި ޢާއިލާގެ ބައެއް މެންބަރުން އަލްޖަޒާއިރަށް ވަޑައިގެންނެވީ ހަނަފަސް ސަހަރާގައި ހާހެއްހާ ކިލޯމީޓަރު ކަޑައްތު ކުރެއްވުމަށްފަހުގައި ކަމަށާއި އެބޭފުޅުން ސިއްރިޔާތުގައި ދަތުރުކުރެއްވީ ބަހަކާއި މަރސީޑިސް ދެކާރާއި ލޭންޑްރޯވަރ ޖިޕްގެ ދެޖިޕް ހިމެނޭ ޤާފިލާއެއްގައި ކަމަށްވެސް އަލްޖަޒާއިރުން ބުނެއެވެ.
ޢުމުރުން 29 އަހަރުގެ ޢާއިޝާ ގައްޒާފީއަކީ ފަރަންސޭސިވިލާތުގައި ޤާނޫނީ ރޮނގުން ޕީ.އެޗް.ޑީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޢާއިޝާގެ ފިރިކަލުންނަކީ ގައްޒާފީގެ ދުވަސްވަރު ލީބިޔާ ސިފައިންގެ ލަޝްކަރު ތަކުގެ އެއްގަމު ސިފައިންގެ އޮފަސަރެކެވެ. (އަލްޖަޒީރާ+ރޮއިޓާސް)