23 Apr 2018, 09:05
ރައީސް ޔާމީން ރާއްޖޭއަށް ގެންނަވަމުން ގެންދަވާ ތަރައްގީ އެކި ބޭފުޅުން ސިފަކުރައްވަނީ އެކިގޮތަށެވެ. އެކި ބޭފުޅުން ވިދާޅުވަނީ އެކި މިންވަރަށެވެ. ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ އޮންނާނެ ގޮތް ވެސް ކުރައްސަވަނީ އެކި ވަރަށެވެ.
ނަމަވެސް ރާއްޖެއަށް އަންނަމުންދާ ތަރައްގީ ކެބިނެޓް މިނިސްޓަރުން ސިފަކުރައްވަނީ އަދި މާ ފުޅާކޮށެވެ. މިސާލު ނަންގަވަނީ ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ސިޓީތަކުންނެވެ.
އެގޮތުން، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރާއްޖޭ ތަރައްގީ ކުރުމަށް މިސާލު ނަގަމުން އައީ އެންމެ ހަލުވި މިނެއްގައި ތަރައްގީ ވަމުންދިޔަ ސިންގަޕޫރުންނެވެ. އޭރު ޖަލްސާ ތަކުގައި ކިއި އަންބާއަކީ ވެސް އެއީ އެވެ. ރާއްޖޭގައި ހިނގާ ކޮންމެ ކަމެއް ވެސް ގުޅިފައި އޮންނަނީ ސިންގަޕޫރާއެވެ.
ނަމަވެސް އޭގެ ފަހުން މާލޭގެ ފަސް ސަރަހައްދެއް ހުސްކޮށް، ޖަޕާނުގެ ވެރިރަށް ޓޯކިޔޯ މިސާލަކަށް ބަލައިގެން ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
އަދި އޭގެ މާ ގިނަ ދުވަސްތަކެއް ނުވަނީސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ރާއްޖެ ސްވިޒަލެންޑަކަށް ބަދަލުކޮށް ނުލެވެންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއަށް އަންނަމުންދާ ތަރައްގީ އެންމެ ގާތުން ފެނިވަޑައިގަންނަވާނެ ދެ މިނިސްޓަރުންނަކީ ވެސް މިނިސްޓަރު މުއިއްޒު އަދި މިނިސްޓަރު ސައީދެވެ. ތަރައްގީގެ ކަންކަން ގެންނަވަން އެންމެ އިސްކޮށް ކެބިނެޓްގައި ތިއްބެވީ ދެ ދެބޭފުޅުންނަށް ވީމަވެސް މެއެވެ.
ރާއްޖެ ބަދަލުކޮށްލާނެ އެތައް ޒަމާނީ ސިޓީތަކެއް ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވަމުންދާއިރު، އެ ލިސްޓަށް އިތުރު ތަނެއް މިވަނީ އިތުރުވެފައެވެ. ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވާގޮތުން ރާއްޖެ ތަރައްގީ ކުރާނީ އެމެރިކާ ފެންވަރަށެވެ.
"ރައީސް ޔާމީންގެ ކެމްޕެއިން، އެމަނިކުފާނާއި އެމަނިކުފާނުގެ ރަނިން މޭޓާއެކު ނުކުމެވަޑައިގެންނަވާއިރު، ތިބޭފުޅުންނަށް ޝޮކު ޖެހިގެންދާނެ...އަންނަ ދައުރަކީ ރައްޔިތުން ހީނުކުރާވަރުގެ ބޮޑެތި ބަދަލުތަކާއެކު ރާއްޖެ މިނިވަންކަމާއެކު އެދިޔަ ގޮތަށް ގޮސް ނިއު ޔޯކު ފެންވަރުގައި ތަރައްގީ ވެގެންދާތަން ދައްކާލާނަން،" ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސިންގަޕޫރާއި ޓޯކިޔޯ އަދި ސުވިޒަލެންޑޭ ކިއާއިރު ނިއު ޔޯކްއޭ ނުކިޔޭނެ ސަބަބެއްވެސް ނެތް ކަމަށާއި އެ ތަރައްގީ ރައީސް ޔާމީން ގެންނަވާނެ ކަމަށެވެ. އަދި ކުދި ގައުމުތަކުގެ ތެރެއިން އެއްވެސް ކަމަކަށް މިސާލެއް ނަގާނަމަ، މުސްތަގުބަލުގައި ރާއްޖެއަކީ އެ މިސާލު ފެންނާނެ ގައުމެއް ކަމަށް ވިދާޅުވި އެވެ.