22 Apr 2018, 20:57
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި އއ. މާޅޮސް އަދި ދ. ކުޑަހުވަދޫންވެސް ފެށުން ރަނގަޅުކޮށްފިއެވެ.
ދ. ކުޑަހުވަދުއަކީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ޗެމްޕިއަން ޓީމެވެ. އއ. މާޅޮސްވެސް ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރެއްގައި ހިމެނި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައެވެ. އަދި އެ ދެޓީމަކީ މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނުނު ޓީމުތަކުގެ ތެރެއިން މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ހަމައެކަނި ދެ ޓީމެވެ.
ގްރޫޕް އެކެއްގައި މިއަދު ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކުޑަހުވަދޫ ނުކުތީ ގދ ގެ ޗެމްޕިއަން ހޯޑެއްދުއާ ދެކޮޅަށެވެ.
ކުޑަހުވަދޫން މެޗު ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ކުޑަހުވަދުއަށް ލީޑު ނަގައިދިނީ އަހުމަދު ސަބީންއެވެ. ދެވަނަ ހާފްގެ ކުރީ ކޮޅުގައި އިޑޮއިނޫ ހަމެޑްގެ ގޯލުން ކުޑަ ހުވަދޫ ލީޑު ފުޅާކޮށްފައިވާ އިރު، އިޑޮއިނޫ ގޯލް ޖެހިތާ ދެ މިނެޓް ފަހުން ކުޑަހުވަދޫން އަނެއްކާވެސް ގޯލް ޖެހިއެވެ. ކުޑަހުވަދޫގެ ތިންވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އިލާފް އަހުމަދެވެ.
ގްރޫޕް ދޭއްގައި މިއަދު ކުޅުނު މެޗުގައި ވާދަކުރީ މާޅޮހާއި ހއ. މުރައިދުއެވެ.
މާޅޮހުން މިއަދުގެ މެޗު ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީ ކޮޅުގައި މާޅޮހަށް ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ ޚަލީލް ގަމާލްއެވެ. ޚަލީލް ވަނީ މިދިޔަ ސީޒަންގައި ޓީސީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ.
މާޅޮހުގެ ދެވަނަ ގޯލް، މެޗުގެ 89 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ވަސީމެވެ.
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ފ. ނިލަންދުއާއި، ތ. ތިމަރަފުއްޓާއި، ދ. ކުޑަހުވަދުއާއި، ގދ. ހޯނޑެއްދޫ އަދި ސ. ހިތަދުއެވެ. ގްރޫޕް އެކެއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނިލަންދޫގައެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ށ. ފޯކައިދުއާއި، އދ. ފެންފުއްޓާއި، އއ. މާޅޮހާއި، ހއ. މުރައިދޫ އަދި ބ. ފެހެންދޫއެވެ. ގްރޫޕް ދޭއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫގައެވެ.
ދެ ގްރޫޕުގެ މެޗުތަކަށްފަހު ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީގައި ގްރޫޕް އެކެއްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ގްރޫޕް ދޭއްގެ ދެވަނަ ހޯދާ ޓީމު ނުކުންނަން ޖެހޭ އިރު، ގްރޫޕް ދޭއްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ނުކުންނަން ޖެހޭނީ ގްރޫޕް އެކެއްގެ ދެވަނަ ހޯދާ ޓީމެވެ. ސެމީން ޖާގަ ހޯދާ ހަތަރު ޓީމަށްވެސް މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެއެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ދެ މެޗް މާދަމާވެސް އޮންނާނެއެވެ. ގްރޫޕް އެކެއްގައި މާދަމާ ކުޅޭނީ ފ. ނިލަންދުއާއި ސ. ހިތަދުއެވެ. ގްރޫޕް ދޭއްގައި ކުޅޭނީ ށ. ފޯކައިދޫ އަދި ބ. ފެހެންދޫ ވާދަކުރާ މެޗެވެ.