މާފަންނު ގެއެއްގައި ދިރިއުޅެމުން ދިޔަ ބިދޭސީންތަކަކަށް ބިރު ދައްކައި އެމީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރެމުންދިޔަ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް، ސަބް އިންސްޕެކްޓާ އޮފް ޕޮލީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ މާފަންނު ފިންކްރޯސްގެ ތެރެއަށް ވަދެ އެގޭގައި ދިރިއުޅެމުންދިޔަ ބިދޭސީންތަކަށް ބިރު ދައްކައި ފައިސާތަކެއް ފޭރުނު މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ ދެ ސިފައިންގެ މީހުންނާ އެކު ކުލަ ހެދުމުގައި ހުރި އިތުރު މީހަކު އެގޭ ތެރެއަށް ވަތް ކަމަށް ބައެއް މީހުން ބުނާ ކަމަށެވެ. އަދި އެމީހާ ފިލައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ނެދެ އެވެ.

"އެގެއަށް ވަން ކަމަށް ބައެއް މީހުން ބުނާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން މިގެންދަނީ،" ޝިޔާމް ވިދާޅުވި އެވެ.

ބިދޭސީންތަކެއްގެ އަތުން ފޭރެމުންދަނިކޮށް ދިވެހިންގެ ބަޔަކު ހިފެހެއްޓުމަށް ފަހު ފުލުހުންނާ ހަވާލުކޮށްފައިވާ ދެ ސިފައިންގެ މީހުންނަކީ ޅ. ހިންނަވަރު، އާރާމުގެ، ލާންސް ކޯޕްރަލް އަލީ އިބްރާހީމް،26، އާއި ލ. މުންޑޫ، ފިނިފެންމާގެ، ޕްރައިވެޓް ހުސައިން މާހިރު،23، އެވެ.

ޝިޔާމް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ލިބެމުން ނުދާ ކަމަށެވެ. ނަމަވެސް އެރޭ އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާތަކަކާއި ޑޮލަރުތަކެއް އެމީހުންގެ އަތުން ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ މީހުންގެ އަތުން ފެނުނީ ކިހާ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ހުސްވި ރޯދަ މަހުގެ ތެރޭގައި އެތިން މީހުން ވަނީ ބިދޭސީން ދިރިއުޅޭ އެ ގެ އަށް ވަދެ އެކިފަހަރު މަތިން ބައި ލައްކަ އަށް ވުރެ ގިނަ ރުފިޔާ ފޭރިގަނެގެން ގެންގޮސްފައިވާ ކަމަށް އޭގާގައި ދިރިއުޅޭ ބިދޭސީން ބުނެފައިވެ އެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ ސިފައިންގެ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފި އެވެ.