22 Apr 2018, 16:51
މެދުއިރުމަތީގައި ބާއްވާ، ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ، އެރެބިއަން ޓްރެވަލް މާކެޓު ޔޫއޭއީގެ ދުބާއީގައި މިއަދު ފަށާއިފިއެވެ. މި ފެއާގައި ދިވެހިރާއްޖެއިން ދަނީ ބައިވެރިވަމުންނެވެ.
މިއަދުން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް ކުރިއަށްދާ މި ފެއާ ހުޅުވައިދެއްވީ ދުބާއީގެ ޑިޕާޓްމެންޓް އޮފް ޓޫރިޒަމް އެންޑް ކޮމާސް މާކެޓިންގްގެ ޑިރެކްޓަރ ޖެނެރަލް، ހިލާލް ސައީދު އަލް މާރީއެވެ.
މި ފެއާގައި ދިވެހިރާއްޖޭގެ ފަރާތުން މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަނާ އެކު 68 ކުންފުންޏަކުން 128 އޮފިޝަލުން ދަނީ ބައިވެރިވަރުންނެވެ. މީގެ އިތުރުން މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (މަޓާޓޯ)ވެސް ދަނީ މި ފެއާގައި ބައިވެރިވަމުންނެވެ.
ރާއްޖޭގެ ފަރާތުން ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އޭގެ އިތުރުން އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީ ހާރިސް މުހައްމަދާއި ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ހުސައިން ނިޔާޒްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އޭޓީއެމް ފެއާގައި ދިވެހި ރާއްޖޭން ބައިވެރިވުން -- ފޮޓޯ/ އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީން ބުނީ، އެ ފެއާގައި ރާއްޖެއިން ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ، މެދުއިރުމަތީގެ ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމެވެ. އެގޮތުން ކުރިއަށްއޮތް ތަނުގައި އެ ގައުމުތަކުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ކުރިއަށްގެންދެވޭނެ ޕްރޮމޯޝަނަލް ކެމްޕެއިންތަކާ ގުޅެގޮތުން ޓްރެވަލް އެންޑް ޓްރޭޑްގެ ފަރާތްތަކާ މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އެ ފެއާގައި ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ޒިޔާރަތް ކުރާ ފަރާތްތަކަށް ދައްކާލަން ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އަދި ސޯޝަލް ކެމްޕެއިންތައް ކުރިއަށްގެންދިއުމާއި، ރާއްޖޭގެ ސްޓޯލްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހި ރަހަތައް ދައްކާލުމުގެ ގޮތުން ތަފާތު ލުއިކާނާގެ ސްޓޭންޑެއްވެސް ހުންނާނެކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އޭޓީއެމް ފެއާގައި ރާއްޖޭގެ ސްޓޭންޑް ހަދާފައިވަނީ 209 އަކަ މީޓަރުގެ ސްޓޭންޑެއްގައެވެ. އެ ސްޓޭންޑް ފަރުމާކުރެވިފައިވަނީ ރާއްޖެގެ ގުދުރަތީ އެތައް މަންޒަރުތަކެއް ދައްކުވައިދޭ ގޮތަށް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
2017 ވަނަ އަހަރު މެދުއިރުމަތިން 49،192 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި މި އަހަރުގެ މާޗް މަހުގެ ނިޔަލަށް މެދުއިރުމަތިން 11،898 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.
މެދުއިރުމައްޗަކީ މިހާރުވެސް ރާއްޖެއާ އެންމެ ގުޅުން ބަދަހި އެއް ސަރަހައްދު ކަމަށް ވެފައި، އެ ފެއާގައި ބައިވެރިވުމުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.