މިއަދުގެ ނިޔަލަށް ޕްރެމިއާ ލީގުގެ ޓްރާންސްފާ ޕީރިއަޑް ހަމަވާއިރު، ޓޮޓެންހަމްގެ ލޫކާ މޮޑްރިޗް ގެންދަން ޗެލްސީ އިން ކުރި މަސައްކަތައް ނިމުމެއް ގެނެސް، ބޮލްޓަންގެ ޑިފެންޑަރު ގޭރީ ކަހިލް ގެނައުމަށް ޝައުގުވެރިވާ ކަމަށް ޓޮޓެންހަމްގެ ކޯޗް ހެރީ ރެޑްނެޕް ބުނެފި އެވެ.

މިސީޒަނުގެ ޓްރާންސްފާ ޕީރިއަޑުގައި އެންމެ ބޮޑުކޮށް ދެކެވުނު ވާހަކައަކަށް ވެފައިވަނީ ޓޮޓެންހަމްގެ ކޮރެއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ޗެލްސީއަށް ގެންދަން އުޅުނު ކަމުގެ ވާހަކަ އެވެ.

ޗެލްސީއިން މޮޑްރިޗަށް ފުރަތަމަ ހުށަހެޅި 22 މިލިޔަން ޕައުންޑް ޓޮޓެންހަމް އިން ގަބޫލުނުކޮށް ދޫކޮށްލުމުން ފަހުން ޗެލްސީ އިން ވަނީ 30 މިލިޔަން ޕައުންޑް ހުށަހަޅާފަ އެވެ. އެއަގު ވެސް ޓޮޓެންހަމް އިން ވަނީ ގަބޫލުނުކޮށް ދޫކޮށްލާފަ އެވެ.

މިސީޒަނުގައި މޮޑްރިޗް ދޫނުކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަ ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީ ކޮންމެ ގޮތަކުން ވިޔަސް ކުލަބުގައި ބެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް ކޯޗް ހެރީ ރެޑްނެޕް ބުންޏެވެ.

"މޮޑްރިޗާއި ބެހޭގޮތުން މިހާރު ހުރިހާ ވާހަކަ އެއް ދެކެވިއްޖެ. މޮޑްރިޗް ޓީމުގައި ބެހެއްޓުމަށް ކުރެވެން ހުރި މަސައްކަތެއް ކުރާނެ. ކުލަބު ދޫކޮށް އޭނާ ނުދާނެ ކަމާމެދު 100 މިލިޔަން އިންސައްތަ ޔަގީންކަން އެބައޮތް." ޓޮޓެންހަމްގެ ކޯޗް ހެރީ ރެޑްނެޕް ބުންޏެވެ.

ބޮލްޓަންގެ ޑިފެންޑަރު ގޭރީ ކަހިލް ގެންދިއުމަށް އާސެނަލް އިން ހުށަހެޅި އަގު ދޫކޮށްލުމަށް ފަހު މިހާރު ފެނިގެންދަނީ އޭނާ ހޯދުމަށް ޓޮޓެންހަމް އިން މަސައްކަތްކުރާ މަންޒަރެވެ. އާސެނަލް އިން ކަހިލް ހޯދުމަށް ހުށަހެޅުމުން ބޮލްޓަން އިން ރައްދުގައި ބުނެފައިވަނީ ރަނގަޅު އަގެއް ކިޔާ ކުލަބަކަށް ނޫނީ އޭނާ ދޫނުކުރާނެ ކަމަށެވެ.

"ކަހިލް އަށް އަބަދުވެސް އަހަރެން ވަރަށް ޝައުގުވެރިވަން. މި ކުޑަ ވަގުތުކޮޅު ތެރޭ އޭނާ ހޯދޭތޯ ބަލާނަން." ކޯޗް ރެޑްނެޕް ބުންޏެވެ.

ޕްރެމިއާ ލީގުގައި ޓޮޓެންހަމް އިން ބަލިވެފައިވަނީ ޑިފެންސް ލައިންގެ މައްސަލަ އާއި ހުރެކަން ފާހަގަކުރެވެ އެވެ. އެހެންކަމުން މިކުޑަ ވަގުތު ކޮޅު ތެރޭ ޑިފެންޑަރު ކަހިލް ގެނެވިއްޖެނަމަ ޓޮޓެންހަމްގެ ޑިފެންސް ލައިނަށް އިތުރު ވަރުގަދަ ކަމެއް އައުން ގާތެވެ.

ޓޮޓެންހަމް ކުޅުނު ފުރަތަމަ މެޗުން 3-0 ލަނޑުން މެންޔޫ އަތުން ބަލިވެފައިވާ އިރު، ދެވަނަ މެޗުން މެންސިޓީ އަތުން ބަލިވެފައިވަނީ 5-1 ލަނޑުންނެވެ.