22 Apr 2018, 15:13
ދިވެހިރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރެވުނު މިންވަރު މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު 49 ޕަސެންޓް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ މިންވަރު 246.1 މިލިއަން ރުފިޔާއަށް އަރައެވެ. އެއީ މިދިޔަ އަހަރުގެ މާޗް މަހު އެކްސްޕޯޓު ކުރި 165.6 މިލިއަން ރުފިޔާގެ މުދަލަށް ވުރެ 49 ޕަސެންޓް އިތުރު އަދަދެކެވެ.
ކަސްޓަމްސްއިން ބުނީ، ވޭތުވެދިޔަ މާޗް މަހުގައި ރާއްޖެއަށް އިމްޕޯޓް ކުރި މިންވަރުވެސް މިދިޔަ އަހަރުގެ މާޗް މަހާއި އަޅާބަލާއިރު 48 ޕަސެންޓް އިތުރުވެފައި ވާ ކަމަށެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މާޗު މަހު ދިވެހިރާއްޖެއަށް 3.03 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައިވާއިރު މިއަހަރުގެ މާޗު މަހު އިމްޕޯޓު ކޮށްފައިވަނީ 4.49 ބިލިއަން ރުފިޔާގެ މުދަލެވެ.
އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 28 ޕަސެންޓް ޗައިނާއިން އިމްޕޯޓުކުރި އިރު، ޔޫއޭއީއިން 15 ޕަސެންޓް އަދި އިންޑިއާއިން 11 ޕަސެންޓް މުދާ އެތެރެކޮށްފައި ވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މިދިޔަ އަހަރުގެ މާޗް މަހާ އަޅާ ބަލާއިރު މި އަހަރު އިމްޕޯޓުތައް އިތުރުވުމުން އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް މިދިޔަ މަހު ލިބުނު އާމްދަނީވެސް އިތުރުވެފައި ވެއެވެ.
މިއަހަރުގެ މާރިޗު މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސް މެދުވެރިކޮށް ދަޢުލަތަށް ލިބިފައިވަނީ 277.7 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މާޗް މަހު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބިފައިވަނީ 173.4 މިލިއަން ރުފިޔާކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެއީ 60 ޕަސެންޓްގެ ކުރިއެރުމެކެވެ.